19 އޯގަސްޓް 2016 - 02:29

ދޯހާ (އޮގަސްޓް 19) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓުން ފުރި ގަތަރު އެއާވޭސްގެ މަތިންދާ ބޯޓު އިމަޖެންސީގައި އަނބުރާ ޖެއްސީ އިންޖީނުގައި ދޫންޏެއް ޖެހި އެ އިންޖީނުގައި އަލިފާން ރޯވުމުން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެއާލައިނުން ބުނީ ބޯޓުގައި ތިބި 312 ޕަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާ އެކު ބޯޓުން ބާލާފައިވާ ކަމަށެވެ.
"އިސްތަންބޫލް އިން ދޯހާ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބޯޓުގެ އިންޖީނުގައި ދޫންޏެއް ޖެހުމުން ބޯޓު އަނބުރާ ޖައްސާފައި ވަނީ. ބޯޓުގައި ތިބި 298 ޕަސިންޖަރުންނާއި 14 ކްރޫން ވަނީ ރައްކާތެރިކަމާ އެކު ބާލާފައި،" އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ޕައިލެޓުން ވަނީ ސަލާމަތީ އެންމެހާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށްފައި."
އަނބުރާ ޖެއްސި ފްލައިޓުގައި ތިބި މީހުން ދޯހާ އަށް ގެންދިއުމަށް އިތުރު ބޯޓެއް ވަނީ އިސްތަންބޫލް އަށް ފޮނުވައިފަ އެވެ.
ތުރުކީގެ ބައެއް މީޑިއާތަކުން ބުނީ ދޫންޏެއް ޖެހިގެން އަނބުރާ ޖެއްސީ އެއާބަސް އޭ330 ގެ ބޯޓެއް ކަމަށެވެ. ތުރުކީގެ ރަސްމީ ނޫސް އެޖެންސީ އަންދޮލޫން ބުނީ ބޯޓު ނައްޓާލުމާ އެކު އިންޖީނަށް މައްސަލައެއް ދިމާވި ކަމަށް ޕައިލެޓުން ޓަވަރަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެއާބަސްގެ ތަރުޖަމާނަކު ބުނީ މަތިންދާ ބޯޓުގެ އިންޖީނުގައި ދޫނި ޖެހުމަކީ ވަރަށް މަދުން ދިމާވާ ކަމެއް ކަމަށާއި އެ ބާވަތުގެ ހާދިސާއެއް ގަތަރު އެއާވޭސްގެ ބޯޓަކަށް ދިމާވެފައިވާކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.
ތުރުކީގެ އަތާތުރުކް އެއާޕޯޓުން ގަތަރުގެ ދޯހާ އަށް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރެ އެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިނުގައި 180 ބޯޓު އޮވެ އެވެ. މި އެއާލައިނަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ވަނީ ނުވަ ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފަ އެވެ. އަދި ސާފު ފައިދާ 445 މިލިއަން ޑޮލަރަށް އަރައިފައިވެ އެވެ.