އެހީތެރިވާ ކުއްތާއަކަށް އޮނަރަރީ ޑިޕްލޮމާއެއް
އެހީތެރިވާ ކުއްތާއަކަށް އޮނަރަރީ ޑިޕްލޮމާއެއް

ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ކުއްތާއަކަށް އޮނަރަރީ ޑިޕްލޮމާއެއް އެމެރިކާގެ ކްލާކްސަން ޔުނިވަސިޓީން ދީފި އެވެ.

ގްރިފިން ނަމަކަށް ކިޔާ ހަތަރު އަހަރުގެ ކުއްތާ އަށް އޮނަރަރީ ޑިޕްލޮމާ ދިނީ، އޭގެ ވެރިމީހާ ބްރިޓަނީ ހޯލީ މާސްޓާސް ޑިގްރީ ހާސިލްކޮށް، ގްރެޖްއޭޓްވި ހަފުލާގަ އެވެ.

އުމުރުން 16 އަހަރުން ފެށިގެން، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ 25 އަހަރުގެ ބްރިޓްނީ ބުނި ގޮތުގައި ފާއިތުވި ދެ އަހަރާއި ބައިގައި އޭނާގެ ދިރިއުޅުން ލުއިކޮށްދީ އޮކިއުޕޭޝަނަލް ތެރަޕީން މާސްޓަ ޑިގްރީ ހާސިލު ކުރަން އެންމެ ގާތުން އެހީތެރިކަން ފޯރުކޮށް ދިނީ ގްރިފިން އެވެ.

ބްރިޓްނީއަކީ ކޮމްޕްލެކްސް ރީޖަނަލް ޕެއިން ސިންޑްރޯމް (ސީއާރްޕީއެސް) ގެ ޝިކާރައަކަށްވެ، ހިނގުމުން މަހުރޫވެފައިވާ އަންހެނެކެވެ.

ކްލާކްސަން ޔުނިވަސިޓީން އޭނާގެ ކުއްތާ ގްރިފިން އިންސާނިއްޔަތަށްޓަކައި ކޮށްދިން އަގުހުރި ހިދުމަތުގެ އަގުވަޒަންކޮށް، އޮނަރަރީ ޑިޕްލޮމާ އަރުވައި އެކަން އެ ޔުނިވަސިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމުން ބްރިޓަނީ ވަނީ އެތަނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ގްރިފިންއާ އޮތް ގުޅުން ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން ކްލާކްސަން ޔުނިވަސިޓީން ބުނީ އޮކިއުޕޭޝަނަލް ތެރަޕީން މާސްޓާސް ޑިގްރީ ހާސިލްކުރަން ބްރިޓްނީ ފެށި ދަތުރުގެ ފުރަތަމަ ދުވަހުން ފެށިގެން ގްރެޖުއޭޓްވުމާ ހަމައަށް ގްރިފިން އަދާކުރި ރޯލް އެ މީހުން ވަރަށް ގާތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ.

އެގޮތުން ބްރިޓަނީގެ ކުލާސްތަކާއި ލެކްޗާތަކާއި ފެކަލްޓީ އެޕޮއިންޓްމަންޓްތަކާއި ގްރޫޕް ސްޓަޑީ ސެޝަންތަކާއި ސޯޝަލް އެކްޓިވިޓީތަކާއި ރިސާޗް ޕްރޮޖެކްޓްތަކުގެ އިތުރުން ކްލިނިކް ސެޝަންތަކުގައި ވަރަށް ފުރިހަމަ އަށް ގްރިފިން ހިއްސާވެފައިވާ ކަމަށް ބުންޏެވެ.

"އެހެންވެ ކޯސް ފުރިހަމަ ކުރަން ބްރިޓްނިއާ އެއްވަރަށް ގްރިފިން 100 ޕަސަންޓް ދިން،" ކްލާކްސަން ޔުނިވަސިޓީން ބުންޏެވެ.

ބްރިޓްނީ ބުނި ގޮތުގައި އޭނާ އަށް މިއަދު އާދެވިފައި ހުރި ހިސާބަށް ދެވުނީ ގްރިފިންގެ އެހީއާ އެކުގަ އެވެ. އަދި އެއީ އޭނާ ކުރާ ކޮންމެ ކަމެއްގެ ހިއްސާއެއް ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ ދެން ވަޒީފާއަކަށް ދާ އިރު ވެސް އަހަންނާ އެކީގައި ގްރިފިން ވާނެ ކަމަށް،" ބްރިޓްނީ ބުންޏެވެ. "އެއީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް. އެއްޗެހި ގާތްކޮށް ދިނުމާއި ދޮރު ހުޅުވައި ދިނުމާއި ބޮކި ދިއްލައި ދިނުމާއި މިހެން ގޮސް ދެން ކިޔާނެ ކަމެއް ނެތް ގްރިފިން އަހަންނަށް ނުކޮށްދޭ ކަމެއް ނެތް."