ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު
ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު

ރިޔާޒް (ޑިސެމްބަރު 20) - އަންނަ އަހަރަށް ލަފާކުރާ ސައުދީ އަރަބިއާގެ ބަޖެޓަކީ 295 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު
ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު

މިއީ ސައުދީގެ ތާރީޚުގައި ވެސް އިއުލާން ކުރި އެންމެ ބޮޑު ބަޖެޓެވެ. ސައުދީން މި ފަހަރު ވެސް އިއުލާން ކުރީ ދަރަނި ބަޖެޓެވެ. މިއީ އެ ގައުމުގެ ބަޖެޓް ދަރަނީގައި އިއުލާންކުރި ޖެހިޖެހިގެން ހަ ވަނަ އަހަރެވެ. ސައުދީގެ އަންނަ އަހަރުގެ ބަޖެޓް ދަރަންޏަކީ 35 ބިލިއަން ޑޮލަރެވެ. މިއީ ޖީޑީޕީގެ 4.6 ޕަސެންޓެވެ. މިއީ މި އަހަރަށް ލަފާކުރި ބަޖެޓުގެ ދަރަންޏަށް ވުރެ 32 ޕަސެންޓް ދަށް އަދަދެކެވެ. މި އަހަރުގެ ބަޖެޓް ދަރަނި 52 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު
ސައުދީގެ އަންނަ އަހަރުގެ ބަޖެޓަށް 295 ބިލިއަން ޑޮލަރު

ސައުދީ އަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 260 ބިލިއަން ޑޮލަރުގެ ތެރޭން ބޮޑު ބަޔަކީ ތެލުން ލިބޭ އާމްދަނީ އެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 24 ޕަސެންޓް އިތުރު އަދަދެކެވެ.

ދެހާސް ސާދަ ވަނަ އަަހަރުން ފެށިގެން މި އަހަރާ ހަމައަށް ސައުދީގެ ބަޖެޓް ދަރަނި ވަނީ 313 ބިލިއަން ޑޮލަރަށް އަރައިފައި ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އާމްދަނީ އިތުރު ކުރުމުގެ ގޮތުން ސައުދީން މިހާރު ވަނީ ތެލުގެ އަގާއި ކަރަންޓުގެ އަގު ބޮޑުކޮށް ފަސް ޕަސެންޓުގެ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) ނަގަން ފަށައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ވީއޭޓީ މި އަހަރު ތައާރަފް ކުރި ފަހުން މިހާތަނަށް 12 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެ ގައުމުގައި އުޅޭ 11 މިލިއަން ބިދޭސީންގެ އަތުން ފީއެއް ނަގަން ވަނީ ނިންމައިފަ އެވެ.

ސިވިލް ސާވަންޓުންނާއި ސިފައިންނަށް ކޮންމެ މަހަކު 1،000 ރިޔާލް (266 ޑޮލަރު) ގެ އެލަވަންސް ދިނުމަށް ވެސް ބަޖެޓުގައި ހިމަނައިފއިވެ އެވެ. އަދި ޕެންޝަނަރުންނާއި ސޯޝަލް ސެކިއުރިޓީ ލިބެން ޖެހޭ ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސްތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ޝާހީ އާއިލާ އިން ބުނެފައިވެ އެވެ.

ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައުދީން ވަނީ ވިޝަން 2030 ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފަ އެވެ. ޕްރިންސް މުހައްމަދު ވިދާޅުވީ ތެލާ ނުގުޅޭ އާމްދަނީ 2014 ވަނަ އަހަރު 34 ބިލިއަން ޑޮލަރުގައި ހުރި އިރު މި އަހަރު ވަނީ އެ އަދަދު 77 ބިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށެވެ.

ސައުދީގެ އާމްދަނީ ދަށަށް ދާން ފަށާފައި ވަނީ ތެލުގެ އަގު ދަށްވުމުންނެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ސައުދީން ދުވާލަކު 10.5 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ.

ސައުދީގެ ރަސްމީ ރިޒާވް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހުރި 480 ބިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު 523 ބިލިއަން ޑޮލަރަށް އަރާފައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 2023 ވަނަ އަހަރާ ހަމައަށް ދާއިރު ބަޖެޓް ބެލެންސް ވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.

ސައުދީގެ މި އަހަރުގެ ބަޖެޓަކީ 275 ބިލިއަން ޑޮލަރެވެ. ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 239 ބިލިއަން ޑޮލަރެވެ.