ސިފައިން ގޭގައި ބަންދުކުރި މީހުން ދޫކޮށްލައި ބައެއް މީހުންގެ ޖިނާއީ ތަހުގީގެއް ފަށައިފި
ސިފައިން ގޭގައި ބަންދުކުރި މީހުން ދޫކޮށްލައި ބައެއް މީހުންގެ ޖިނާއީ ތަހުގީގެއް ފަށައިފި

ސިފައިންގެ މައި މަރުކަޒުގައި އެންމެ ފަހުން ބަންދުކޮށްފައި ތިބި ސިފައިން ދޫކޮށްލައި އޭގެ ތެރެއިން ބައެއް މީހުންގެ ޖިނާއީ ތަހުގީގެއް މިރޭ ފުލުހުން ފަށައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑަކަށް އުޅުނު ފައްތާހު ކިޔާ މީހަކާއި އޭނާގެ ކޮއްކޮ، ލާންސް ކޯޕްރަލް މުހައްމަދު ފައްވާޒު ހިމެނޭ ގޮތަށް ސިފައިންގެ ބައެއް މީހުން ސިފައިންގެ މައި މަރުކަޒުގައި މި މަހުގެ ކުރީކޮޅު ބަންދުކުރި އެވެ. ބައެއް ރިޕޯޓުތައް ބުނި ގޮތުގައި މުޅިއެކު ހައްޔަރުކުރީ ހަތަރު މީހެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ވަނީ މިރޭ ދޫކޮށްލައިފަ އެވެ. އަދި އޭގެ ތެރެއިން ފައްވާޒު މިރޭ ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ވެ އެވެ.

ފުލުހުން ބުނީ މައުލޫމާތެއް ސާފުކުރަން ފައްވާޒު މިރޭ ފުލުހަށް ހާޒިރުކުރުމަށް ފަހު ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު އޭނާ އަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ. ސިފައިންގެ ތެރޭގައި ބަންދުކުރި މީހުން ދޫކޮށްލީ ސިފައިންގެ ވަޒީފާއިން ވަކިކުރުމަށް ފަހު ކަމަށް ބައެއް މީޑިއާތަކުން ބުންޏަސް އެކަން އަދި ޔަގީނެއް ނޫނެވެ.

އަސްކަރިއްޔާގެ ވެރިންނާ ދެކޮޅު ލިޔުންތަކެއް ހިމެނޭ ލީފްލެޓުތަކެއް ސިފައިންގެ ތެރޭގައި ބަހައިގެން މިދިޔަ ޖެނުއަރީ މަހު ސިފައިންގެ މައި މަރުކަޒުގައި ބަންދުކުރި ފަސް މީހުންގެ ތެރޭގައި ވެސް ފައްވާޒު ހިމެނެ އެވެ. އޭރު ސްޓާފް ސާޖަންޓެއްގެ ރޭންކުގައި ހުރި ފައްވާޒުގެ މަގާމު ވަނީ އެ މައްސަލައާ ގުޅިގެން ލާންސް ކޯޕްރަލަކަށް ދަށްކޮށްފަ އެވެ.

ސިފައިންގެ ތެރޭގައި މި މަހު ބަޔަކު ބަންދުކުރި ސަބަބެއް ނޭނގެ އެވެ. އެކަމަކު، އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމާ ވިދިގެން، ސިޔާސީ އެއްވެސް ފަރާތަކާ ސިފައިން ބައްދަލުކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންގެ އިތުރުން އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޑިޕްލޮމޭޓުންނާއި ބޭރު މީހުން ވެސް ހިމެނެ އެވެ.