19 ޑިސެމްބަރ 2018 - 17:30

ގާހިރާ (ޑިސެމްބަރު 19) - ގުދުސް އަށް އެމްބަސީ ބަދަލު ކުރުމާ ގުޅޭ ގޮތުން އޮސްޓްރޭލިއާ އާއި ބްރެޒިލްގެ ނިންމުން ބަދަލު ކުރަން ގޮވާލާ ގަރާރެއް އަަރަބި ލީގުން ފާސްކޮށްފި އެވެ.
ތެލް އަވީވުގައި ހުރި ބްރެޒިލްގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެކަން އެ ގައުމުގެ ރައީސްކަމަށް އިންތިޚާބުވި ޖައިރް ބޮލްސޮނާރޯ މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ. އަދި އިޒްރޭލުގެ ވެރިރަށަކީ ހުޅަނގު ގުދުސް ކަމަށް ގަބޫލް ކުރާ ކަމަށް އޮސްޓްރޭލިއާ އިން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.
އަރަބި ލީގުން މިހާރު ވަނީ މަތީ ފެންވަރުގެ ވަފުދެއް އޮސްޓްރޭލިއާ އާއި ބްރެޒިލަށް ފޮނުވަން ނިންމައިފަ އެވެ. މި ވަފުދުގެ ބޭނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އެ ދެ ގައުމުން ބޯލެނބުމަށް ބާރު އެޅުން ކަމަށް އަރަބި ލީގުން ބުނެފައިވެ އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާން ކުރައްވައިފަ އެވެ. އޭގެ ފަހުން އެމެރިކާ އެމްބަސީ ވަނީ މެއި މަހު ގުދުސް އަށް ބަދަލުކޮށްފަ އެވެ.
އެމެރިކާ އަށް ފަހު ވަނީ ގުއަޓަމާލާ އާއި ޕެރަގުއާއީ އިން ވެސް އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕެރަގުއޭގެ ސަރުކާރު ބަދަލުވުމުން އެ ގައުމުގެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.