19 ޑިސެމްބަރ 2018 - 17:07

އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކުޅިވަރާ ބެހޭ މިނިސްޓްރީން ފަށާފައިވާ މަސައްކަތް ހުއްޓާލުމަށް އޭއެފްސީން ނުސީދާކޮށް މިއަދު އިންޒާރުދީފި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ކަމަށްވާ އޭއެފްސީން މިގޮތަށް އެންގީ، މިނިސްޓްރީން އެ މައްސަލަ ބަލާތީ އެކަމުގައި ލަފައެއް ހޯދަން އެފްއޭއެމުން އޭއެފްސީގައި އެދުމުންނެވެ. އާއްމު އުސޫލެއްގެ ގޮތުން ވެސް، ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ. މައްސަލައެއް ދިމާވެއްޖެ ނަމަ ބަލާނީ ސަރަހައްދީ ފެޑެރޭޝަނުން ނުވަތަ ފީފާ އިންނެވެ.
އޭއެފްސީން ފޮނުވި ސިޓީގައި ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތިކަމަށެވެ.
އަދި އެކަންކަމަށް ރިއާޔަތްކޮށް، އޭއެފްސީން ޔަގީންކޮށް މިދެނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އަންނަ އައުން ތަހައްމަލުނުކުރާނެކަން ކަމަށާއި އޭއެފްސީން އަންނަނީ އެފްއޭއެމްގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށް ބުނެގައިވެ އެވެ.
އެފްއޭއެމުން ބުނީ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބައްލަވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އިއުލާންކުރެއްވުމުން މިކަމުގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ 13 ވަނަ އެމަނިކުފާނާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކުރެއްވި ކަމަށެވެ.
އެކަމަކު ފީފާ އާއި އޭއެފްސީ އާއި ބައިނަލްއަގްވާމީ ކުޅިވަރު ގަވަނަންސްގެ އުސޫލުތަކުގެ ތެރެއިން އެއްވެސް މެމްބަރު އެސޯސިއޭޝަނެއްގެ މަސްހަލަތު ހިމެނޭ މައްސަލައެއް ބެލުމާއި އެފަދަ ކަމެއް ވިލަރެސްކުރުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ފީފާ އާއި އޭއެފްސީ އަށް ކަމަށްވާ މިކަމުގެ ލަފަޔަކަށް އެފްއޭއެމް އިން އޭއެފްސީގައި އެދުނީ ކަމަށެވެ.
މިކަން މިހެން ދިމާވި ނަމަވެސް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމްއާ ދެމެދު އޮތް ގާތް ގުޅުމަކަށް ހީނަރުކަމެއް ނާންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެންމެހައި މުއައްސަސާތަކާ އެކު ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ގުޅިގެން ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންދޭ ކަމަށާއި ދިވެހި ފުޓްބޯޅަ އާއި އެންމެހާ ކްލަބްތަކުގެ ދިފާއުގައި އެފްއޭއެމުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދޭ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.
އެ މައްސަލަ ބެލުމަށް ވަޒީރު އެކުލަވާލެއްވި ކޮމިޓީގައި ހިމެނެނީ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަދި 2007 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)ގެ އިތުރުން ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ވިކްޓަރީގެ އަހުމަދު ނަސީމް (ޕެރިސް) އަދި ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު (ދޮނާ) އެވެ.
އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.