19 ޑިސެމްބަރ 2018 - 16:53

ބްރިޖު ހުޅުވުމާ އެކު އެމްޓީސީސީގެ ދަތުރުފަތުރު ކުރުމުގެ ބައިން އިތުރު ތިން މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު ހިލްމީ ވިދާޅުވީ، ބްރިޖުގައި ދަތުރުކުރަން ފެށުމާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދުގެ ދަތުރުތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ދަތުރުފަތުރުގެ ބަޔަކީ އެ ކުންފުންޏަށް ފައިދާއެއް ނުވާ ދާއިރާއެއް ނަމަވެސް އާމްދަނީ ދަށްވުމާ އެކު ލިބުނު ގެއްލުން ވަނީ ބޮޑުވެފަ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދަތުރުފަތުރުކުރުމުގެ ބައިން ވަނީ 13.3 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ. މިދިޔަ އަހަރުގެ މި ކުއާޓަރުގައި އެ އަދަދު އުޅެނީ 10.2 މިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދަތުރުފަތުރުކުރުމުގެ ބައިން 34.3 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34.9 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ދަތުރުފަތުރުކުރުމުގެ ބައިން 41 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ބްރިޖާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އެމްޓީސީސީން ވަނީ ގެނެސްފަ އެވެ. އާންމު ފެރީގެ ހިދުމަތާއި އެކްސްޕްރެސް ލޯންޗުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު ހަމައެކަނި ދުއްވަނީ ޕްރިމިއަމް ފެރީތަކެވެ. ޕްރިމިއަމް ފެރީ ޓިކެއްގެ އަގަކީ ކޮޅަކަށް 10ރ. އެވެ.