19 ޑިސެމްބަރ 2018 - 16:00

ޔަންގޫން (ޑިސެމްބަރު 19) - މިއަންމާގެ އަސްކަރިއްޔާއާ ގުޅިފައިވާ އެތައް ޕޭޖެއް ބަންދުކޮށްފައިވާ ކަމަށް ފޭސްބުކުން ބުނެފި އެވެ.
ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ ފާޑު ކިޔުން އަމާޒުވި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ އދ.ގެ ތަޖުރިބާކާރަކު މާޗު މަހު ބުނެފައި ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގައި ފޭސްބުކް އިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
ފޭސްބުކުން މިއަދު ބުނެފައި ވަނީ މިއަންމާ ސިފައިންނާ ގުޅުން ހުރި ކަމަށް ބެލެވޭ 425 ޕޭޖާއި 17 ގްރޫޕާއި 135 އެކައުންްޓް އަދި އިންސްޓަގްރާމުގެ 15 އެކައުންޓް ބަންދުކޮށްފައިވާ ކަމަށެވެ. ފޭސްބުކުން ބުނީ މީހުންނަށް އޮޅުވާލުމަށް އެއްވެސް ބަޔަކަށް ފޭސްބުކް ބޭނުން ނުކުރެވޭނެ ކަމަށެވެ. މިއަދު ބަންދުކުރި އެއް ޕޭޖުގައި 2.5 މިލިއަން ފޮލޯވާސް ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަންމާގެ އަސްކަރީ ވެރިކަމަށް ފަހު އޮންލައިންގެ ޚިދުމަތް މިއަންމާގެ ރައްޔިތުންނަށް ލިބެން ފެށީ ވަރަށް ފަހުންނެވެ.
ރޮހިންޖާ މުސްލިމުންނާ އެއްކޮޅަށް ތެދުވެފައި ނުވާތީ މިއަންމާގެ މަދަނީ ލީޑަރު އަން ސަން ސޫކީ އަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.