ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ސޯލްޝެއާ ހަމަޖައްސައިފި
ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ސޯލްޝެއާ ހަމަޖައްސައިފި

މެންޗެސްޓާ (ޑިސެމްބަރު 19) - ހޯސޭ މޮރީނިއޯ އިއްޔެ މަގާމުން ވަކިކުރުމުން ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް، މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކުރީގެ ފޯވާޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސައިފި އެވެ.

ރަސްމީކޮށް ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗަކަށް މިއަދު ހަމަޖެއްސިއިރު، ރޭ ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓްގައި އޮޅުމަކުން ވަނީ ސޯލްޝެއާއާ ޓީމު ހަވާލުކުރަން ނިންމާފައިވާ ކަމަށް ދައްކައިދޭ ވީޑިއޯއެއް އަޕްލޯޑް ކޮށްފަ އެވެ. އަދި އޭގެ ފަހުން ނޯވޭގެ ބޮޑުވަޒީރު އާނާ ސޯލްބާގް ވެސް ވަނީ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުކަން ލިބުމުން އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަކު ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކުރައްވައިފަ އެވެ.

ޔުނައިޓެޑަށް 1996 އިން 2007 ވަނަ އަހަރާ ހަމަ އަށް ކުޅުނު ސޯލްޝެއާ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު ޔުނައިޓެޑްގެ ރިޒާވް ޓީމުންނެވެ. އެ ޓީމުގައި އޭނާ ތިން އަހަރު ހޭދަކުރި އެވެ. އޭނާގެ އެންމެ ހާއްސަ ހަނދާނަކީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފަހު ވަގުތު ބަޔާން މިއުނިކް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ޖެހި ލަނޑެވެ.

"ޔުނައިޓެޑް އަބަދުވެސް އަހަރެންގެ ހިތުގައި އޮންނާނެ. މި ފަދަ މަގާމަކަށް އަނބުރާ އައުމަކީ އަހަންނަށް ލިބުނު ހާއްސަ އުފަލެއް،" ޔުނައިޓެޑަށް 235 މެޗު ކުޅެދިން އުމުރުން 45 އަހަރުގެ ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ސީނިއާ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު މޯލްޑޭ އިންނެވެ. އޭގެ ކުރިން އޭނާ ވަނީ ޔުނައިޓެޑްގެ ރިޒާވް ޓީމުގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. މޯލްޑޭގައި ތިން އަހަރު ހޭދަކޮށް 2014 ވަނަ އަހަރު ސޯލްޝެއާ ވަނީ އޭރު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އައި ކާޑިފް ސިޓީގެ ކޯޗަކަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ހޭދަކުރި ހަތް ވަރަކަށް މަސް ތެރޭ ސޯލްޝެއާ އަށް އެންމެ ބޭނުންވި ތަފާތެއް ނުދެއްކުނެވެ. ދެ ވަނަ ޑިވިޝަނަށް ކާޑިފް ރެލިގޭޓްވެ، އެ މުބާރާތުގެ ފުރަތަމަ މެޗުތަކުގައި އެ ޓީމުގެ ނަތީޖާ ދަށްވުމުން ސޯލްޝެއާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޔުނައިޓެޑާ ހަވާލުވުމާ ހަމައަށް ސޯލްޝެއާ ހުރީ މޯލްޑޭ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ އެ ޓީމު ދޫކޮށްލާފައިވާއިރު، ނޯވޭގެ ލީގު ފިިނި މޫސުމަށް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އަލުން ފަށާނީ އަންނަ މާޗް މަހުގަ އެވެ.

ސޯލްޝެއާ ބުނީ ޔުނައިޓެޑުގައި އޭނާ ބޭނުންވަނީ ސަޕޯޓަރުން ބޭނުންވާ ފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނީ މައިކަލް ކެރިކާއި ކިއެރަން މެކެނާ އެވެ.

"އަހަރެން މިހުރީ މި ކްލަބްގައި އޮތް ހުނަރުވެރި ސްކޮޑާ އެކު މަސައްކަތް ކުރަން ކެތްމަދުވެފައި،" ސޯލްޝެއާ ބުންޏެވެ.

ދާއިމީ ކޯޗަކަށް ޔުނައިޓެޑުން ގެންނަން އެންމެ މަސައްކަތްކުރަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވެ، ކުރަން ޖެހިފައިވަނީ އުނދަގޫ މަސައްކަތެކެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތްއިރު، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ޔުނައިޓެޑާ ދެމެދު ވެސް 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ސޯލްޝެއާ ޔުނައިޓެޑާ އެކު ނުކުންނަ ފުރަތަމަ މެޗަށްވެގެންދާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުންބޭރުގައި ކާޑިފް ސިޓީއާ ދެކޮޅަށެވެ. ކާޑިފް ދަނޑުގައި ކުޅޭ މި މެޗު ސޯލްޝެއާ އަށް ހާއްސަވާނެ އެވެ.