19 ޑިސެމްބަރ 2018 - 16:44

މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ކުންފުނީގެ ސާފު ފައިދާ ބޮޑުތަނުން ދަށްވީ ބިން ހިއްކުމުގެ ދާއިރާ އިން ބޮޑު ގެއްލުމެއް ލިބުމުން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ ވިދާޅުވީ ބިން ހިއްކުމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ އެކި ޕްރޮޖެކްޓްތަކުން ލިބުނު ފައިދާ ވެސް ދަށްވެފައިވާ ކަމަށެވެ. އިމާރާތްކުރުމާއި އެކި މަޝްރޫއުތަކުން ލިިބުނު އާމްދަނީ ތިން ވަނަ ކުއާޓަރުގައި ހުރީ 29.4 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 34.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ދަތުރުފަތުރުކުރުމުގެ ބައިން ތިން ވަނަ ކުއާޓާގައި އެއްވެސް ފައިދާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތިން ވަނަ ކުއާޓާގައި ދަތުރުފަތުރުން 13.3 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 10.2 މިލިއަން ރުފިޔާގެ ގެއްލުމެވެ. މި އަހަރު ތިން މިލިއަން ރުފިޔާ އިތުރަށް ގެއްލުންވެފައިވަނީ ބްރިޖް ހުޅުވުމާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީ ދަތުރު ކުރާ މީހުން ވަރަށް ބޮޑަށް މަދުވެގެން ދިއުމުން ކަމަށް ހިލްމީ ވިދާޅުވި އެވެ.
ބިން ހިއްކުމާއި ފަޅު ކޮނުމުގެ ބައިން ތިން ވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 2.7 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެކަމަކު މިދިޔަ އަހަރުގެ އެ މުއްދަތުގައި ފައިދާ އަށް 2.8 މިލިއަން ރުފިޔާ ލިބުނެވެ.
ތިން ވަނަ ކުއާޓާގެ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ތިން ލައްކަ ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 17 މިލިއަން ރުފިޔާގެ ފައިދާއެއް ކުންފުންޏަށް ލިބިފައިވެ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މިއީ 98 ޕަސެންޓްގެ ދަށްވުމެކެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް ވަނީ 13 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. ތިން ވަނަ ކުއާޓާގައި ކުންފުނީގެ ޖުމްލަ އާމްދަނީ ބޮޑުވި ނަމަވެސް ކުންފުނިން ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. އެގޮތުން މި މުއްދަތުގައި އެކުންފުންޏަށް އިތުރު 114 މުވައްޒަފުން ވައްދާފައިވެ އެވެ.
ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމުގައި ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށް ހިލްމީ ވިދާޅުވި އެވެ. އަދި ކޮންޓްރެކްޓިން މަސައްކަތްތަކުގައި ރަނގަޅު އަގެއް ލިބޭނެ ގޮތަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޓްރާންސްޕޯޓް ސެކްޓަރަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.