ވަތަށް ފައިބައިގެން ހާލު ދެރަވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ
ވަތަށް ފައިބައިގެން ހާލު ދެރަވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ

މަސް ދޯންޏެއްގެ ވަތަށް ފައިބައިގެން އުޅެނިކޮށް ހާލު ދެރަވި ދެ މީހުންގެ ތެރެއިން އެކަކު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މަސް ދޯނި "އާކް" ގެ ވަތަށް ފޭބި ދެ މީހުންގެ ހާލު ދެރަވެފައި ވަނީ ހއ. ތުރާކުނުން 12 މޭލު ބޭރުގައި އޮއްވަ އެވެ.

ކޯސްޓް ގާޑުގެ ލޯންޗެއްގައި އެ ދެ މީހުން އެންމެ ފުރަތަމަ ގެންދިޔައީ ހއ. ހޯރަފުއްޓަށެވެ. އެއަށް ފަހު އެމީހުން ވަނީ ސީ އެމްބިއުލެންސެއްގައި އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

"އާކް" ދޯނީގެ ވަތަށް އެންމެ ފުރަތަމަ ފޭބީ އެކެކެވެ. ދެ ވަނަ މީހާ ވަތަށް ފޭބީ އޭނާގެ ހާލު ދެރަވެގެން އޭނާ ސަލާމަތް ކުރާށެވެ.

ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން ހާލު ދެރަވި ދެ މަސްވެރިންގެ ތެރެއިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކުރީ ވަތަށް ފުރަތަމަ ފޭބި މަސްވެރިޔާ އެވެ.

"މިހާރު ބަލިމީހާ އަށް ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން،" ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދިއްދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މަސްވެރިންގެ ހާލު ދެރަވީ ވަތު ތެރޭގައި އުފެދުނު ނުބައި ގޭސްތަކެއް އެތެރެހައްޓަށް ދިއުމުން ކަމަށެވެ.

"ބަންދުކޮށްފައި ހުރި ވަތެއް އެއީ. ސީދާ ކޮން ގޭހެއް ކަމެއް ބުނާކަށް ނޭނގެ. އެކަމަކު އިންސާނާގެ އެތެރެހައްޓަށް ވަންނަން ނުޖެހޭ ފަދަ ނުބައި ގޭހެއް އިންހޭލް ކުރެވުނީ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.