20 ޑިސެމްބަރ 2018 - 10:42

ފިލްމީ ދާއިރާގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮލީވުޑްގެ ފަންނާނުންތަކެއް ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބުދަ ދުވަހު ބައްދަލުކޮށްފި އެވެ.
އިންޑިއާގެ ފިލްމީ ފަންނާނުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު، ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަދި އެކްޓަރު އަކްޝޭ ކުމާރު ހިމެނެ އެވެ.
މި ބައްދަލުވުމަށް ފަހު، ކަރަން އާއި އަކްޝޭ ވަނީ ބޮޑުވަޒީރާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކޮށް، އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
ކަރަން ބުނި ގޮތުގައި ސިނަމާއާ ބެހޭ ގޮތުން ބޮޑުވަޒީރުގެ ހިޔާލުފުޅުތައް އެ މީހުންނާ ހިއްސާކޮށްފައިވާ ކަމަށާއި ފިލްމީ ދާއިރާގެ ތަރައްގީ އަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.
އަކްޝޭ ބުނީ ފިލްމު އިންޑަސްޓްރީގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވަރަށް ދިގުކޮށް މޯދީއާ މަޝްވަރާ ކުރެވުނު ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާތަކެއް ފެނުމުގެ އުންމީދު ބޮޑު ކަމަށެވެ.
އަކްޝޭ ފާހަގަކޮށްލެވެނީ، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން މޯދީ ވެވަޑައިގަތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށްފުށުގެ ރައްޔިތުންނަށް ހަރުދަނާ ފާހާނާ ނިޒާމެެއް ގާއިމުކޮށް ދެއްވަން ފެއްޓެވި މަޝްރޫއު ޕްރޮމޯޓްވާ ކަހަލަ ފިލްމެއް ވެސް ކުޅުނު އެކްޓަރެއްގެ ގޮތުގަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އެވެ.
މިއީ ފާހާނާ ނިޒާމުގެ މައްސަލައަށް ހޭލުންތެރިކަން އުފައްދަން ސަރުކާރުން ކުރިއަށް ގެންދާ ކެމްޕޭނަށް ވެސް ލިބުނު ވަރަށް ބޮޑު އެހީއެކެވެ.
ބައްދަލުވުމާ ބެހޭ ގޮތުން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލްމީ ދާއިރާގެ ބަޔަކާ އެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ވެސް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފިލްމީ ދާއިރާ އިން ޖީއެސްޓީ ނެގުމާ ބެހޭ ގޮތުން ބޭނުންތެރި ހިޔާލުތަކެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.