އެންމެ ގަޔާވަނީ ޑައިރެކްޝަނަށް، ފޯކަސް ހުރީ އެ ދިމާއަށް: ކަންގަނާ ރަނާވަތު
އެންމެ ގަޔާވަނީ ޑައިރެކްޝަނަށް، ފޯކަސް ހުރީ އެ ދިމާއަށް: ކަންގަނާ ރަނާވަތު

އެކްޓިން އަށް ވުރެ ބޮޑަށް ގަޔާވަނީ އަދި އެންމެ ލޯބިކުރަނީ ފިލްމު ޑައިރެކްޓް ކުރަން ކަމަށް، އަންނަ މަހު ރިލީޒްކުރާ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އިން ޑައިރެކްޝަނަށް ރަސްމީކޮށް ނުކުންނަ އެ ފިލްމުގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ތާރީހީ ފިލްމު "މަނިކަރުނިކާ" ގެ ޓްރެއިލާ ލޯންޗް ކުރަން އަންގާރަ ދުވަހު ބޭއްވި ހަފުލާގައި ކަންގަނާ ބުނީ ޑައިރެކްޓް ކުރުމަކީ ވަޒީފާއެއް ނޫން ކަމަށާއި އެއީ ގަޔާވެގެން ވަރަށް ފޯރީގައި ކުރެވޭނެ ކަމެއް ކަމަށެވެ.

"އަހަރެން ސިފައެއް ނުކުރާނަން ޑައިރެކްޝަން ޖޮބެއްގެ ގޮތުގައެއް. އެއަށް ވުރެ މާ ޝައުވެރި ކަމެއް އެއީ. އެކަމަކު އެކްޓިންއަކީ ހަމަ ވަޒީފާއެއް. ފިލްމީ ތަރިންނަކީ މޭކަޕްކޮށްގެން އަދި ވަރަށް ރީތިކޮށް ހެދުން އަޅައިގެން ވަރަށް ހާއްސަކޮށް ގޮތަކަށް ޓްރީޓް ކުރެވޭ ބަޔަކަށް ވިޔަސް އެކްޓިން އަށް ވުރެ މާ ބޮޑަށް އަހަންނަށް ކެމެރާގެ ފަހަތުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން މާ ޝައުގުވެރިވެފައި، ހިތްހަމަޖެހޭ،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި ކެމެރާގެ ފުރަގަހުގައި އިށީންނާނަކަށް އޭނާ އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެ އެވެ. އަދި މުސްތަގުބަލުގައި އޭނާ ދާން ބޭނުން ވަނީ އެ ދިމާއަށް ކަމަށް ބުންޏެވެ.

"އަހަރެން އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި ފިލްމުތައް ޑައިރެކްޓް ކުރަން [ޕްރޮޑިއުސަރުން] ފުރުސަތު ދޭނެ ކަމަށް. އަހަރެން މިހިރީ އެކަމަށް ތައްޔާރަށް،" މީގެ ފަސް ވަރަކަށް އަހަރު ކުރިން އެމެރިކާގައި ސްކްރީން ރައިޓިން ކޯހެއް ވެސް ހަދާފައިވާ ކަންގަނާ ބުންޏެވެ. "ޑައިރެކްޝަނަކީ މިހާރު އަހަރެންގެ ފުރަތަމަ ލޯބި."

އޭނާއަކީ މިދިޔަ އަހަރު ރިލީޒް ކުރި ހެންސަލް މެހެތާގެ ފިލްމު "ސިމްރަން" ގެ އެއް ސްކްރީން ރައިޓަރު ވެސް މެ އެވެ. ކަންގަނާ ޓައިޓްލް ރޯލް ކުޅުނު ފިލްމުގެ ސްކްރީންޕްލޭގައި ދެން ހިއްސާވަނީ އަޕޫރްވާ އާސްރާނީ އެވެ.

"މަނިކަރުނިކާ" އިން ރަސްމީކޮށް ފީޗާ ފިލްމެއްގެ ޑައިރެކްޝަނުގެ ކްރެޑިޓް ހުނަރުވެރި ބަތަލާ އަށް ލިބިފައިވާ އިރު، ކަންގަނާ ވަނީ "ތޭޖޫ" ގެ ކިޔާ ފިލްމެއް، ލިޔެ، ޑައިރެކްޓް ކުރަން ވެސް އިއުލާންކޮށްފަ އެވެ. އުމުރުން 80 އަހަރުގެ އަންހެނެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ ކަންގަނާ ޑައިރެކްޓްކޮށް، ލީޑް ރޯލް ވެސް ކުޅޭނެ ފިލްމެކެވެ.

ބެލެވޭ ގޮތުން ކަންގަނާ ދެން ޑައިރެކްޓް ކުރާނީ އެ ފިލްމެވެ.

ބަތަލާއަކަށް ލިބޭބެ ހުރިހާ ޝަރަފެއް މިހާރު ހޯދާފައިވާ 31 އަހަރުގެ ބަތަލާ ވަނީ މަނިކަރުނިކާ ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފައްދައިފަ އެވެ.

ޑައިރެކްޝަނާ ދިމާއަށް ކަންގަނާ މިސްރާބު ޖަހާފައިވާ އިރު "މަނިކަރުނިކާ" ބަލައިލަން ހިނަ ބަޔަކު މިހާރު ތިބީ ކެތްމަރުވެފަ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކަންގަނާ އާއި ސައުތުގެ ޑައިރެކްޓަރު ކްރިޝް އެވެ. "މަނިކަރްނިކާ" ރިލީޒް ކުރުމުގެ އެއް ދުވަސް ކުރިން ކްރިޝް ޑައިރެކްޓްކޮށްފައިވާ ސައުތުގެ ކުރީގެ ސުޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާ ވެސް ސިނަމާތަކަށް އަންނާނެ އެވެ.

"މަނިކަރްނިކާ" ގެ އިތުރުން ކަންގަނާގެ އިތުރު ދެ ފިލްމެއް އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ "މެންޓަލް ހޭ ކިޔާ" އާއި "ޕަންގާ" އެވެ.