އަމާޒަކީ މިހާރު ބަލާ މައްސަލަތައް ތިން މަސް ތެރޭގައި ނިންމާލުން: ރިޔާސީ ކޮމިޝަން
އަމާޒަކީ މިހާރު ބަލާ މައްސަލަތައް ތިން މަސް ތެރޭގައި ނިންމާލުން: ރިޔާސީ ކޮމިޝަން

މިހާރު ބަލަމުން އަންނަ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް، ވަގަށް ނަގާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓުގައި ބުނީ ތިން މަހުގެ ތެރޭގައި މައްސަލަތައް ނިންމަން އަމާޒު ހިފައި މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ލިސްޓެއް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އިއުލާނުކުރާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޝަނުން ވަނީ އިންސާފާ ހަމަ އަށް ވާސިލްނުވެވި ހުރި ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލައިފަ އެވެ. އެއް މަސް ދުވަހަށް ހުޅުވާލި ފުރުސަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކުރިން ވިދާޅުވީ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށެވެ. އެކަމަކު، އެއަށް ވުރެ ކުރިން ވެސް ކޮމިޝަންގެ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ އަދަދު އޭރު އުޅެނީ 29 ގަ އެވެ. އެއީ އެމްވީމާޑާސް ޑޮޓްކޮމް ވެބްސައިޓްގެ ހިސާބުތަކަށް ބަލައި ހޯދި އަދަދެއްކަމަށް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުުން ވަނީ އެކި މައްސަލަތަކުގައި މީހުންގެ ބަޔާން ނަގައިފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ އަމިއްލައަށް ހާޒިރުވެ ބަޔާން ދެއްވީ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅޭގޮތުންނެވެ.