އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި
އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯ އިން އަޅާ ފްލެޓްތަކަށް އެ ކުންފުނީގެ މުވައްޒަފުންގެ އަތުން ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ އިންޓާނަލް މެމޯގައި ބުނެފައި ވަނީ އެސްޓީއޯ ހިޔާ ފްލެޓްގެ ފައިސާ ބަލައިގަތުން މި މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަނބުރާ އެ ފައިސާ މި މަހުގެ މުސާރައާ އެކު ޖަމާކުރާނެ ކަމަށް މެމޯގައި ބުނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވީ، ފްލެޓަށް ފައިސާ ނެގުން ހުއްޓާލީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އަމަލު ކުރާ ނަމަ ބޮޑެތި މައްސަލަތަކެއް ދިމާވާނެތީ ކަމަށެވެ.

"މިސާލަކަށް 10000ރ. ލިބޭ މުވައްޒަފަކު ގާތްގަނޑަކަށް 6000ރ. ދައްކަންޖެހޭ. އަދި ކްރެޑިޓް ސްކީމުތަކަށް ކަނޑާފައި ބައެއް މުވައްޒަފުން ގެއަށް ގެންދަން ލިބެނީ 400ރ. ވަރު. އެފަދަ ގޮތަކަށް އެކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޕާޓްމެންޓަށްވާ 20 ޕަސެންޓް ދެ އަހަރުވަންދެން މުވައްޒަފުން ދެއްކުމަށް ފަހު، ބޭންކަށް ލޯނަށް އެދޭއިރު ބޭންކުން ލޯނު ހަމަނުޖެހިއްޖެ ނަމަ، މުވައްޒަފުންގެ މުސާރަ އިން މިހާރު ކަނޑާވަރު މުވައްޒަފުންނަށް ނުލިބޭނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ މަސައްކަތް އިތުރަށް ރިވިއު ކުރާ ކަމަށާއި އަމަލު ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ބެލުމަށް ފަހު، ދެން އަމަލު ކުރާނެ ގޮތެއް ފަހުން އިއުލާން ކުރާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

ޗައިނާގެ އެމްސީޖީ ޗައިނާ-މިލީނިއަމް ޑިވެލޮޕްމެންޓް ގްރޫޕުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ވަރަށް ބޮޑު އަގުގައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މުޅި ޖުމްލަ މަޝްރޫއުގެ އަގު 27 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ 416.34 މިލިއަން ރުފިޔާ އެވެ. މިހާތަނަށް އެސްޓީއޯ އިން ވަނީ މަޝްރޫއުގެ އަގުގެ 20 ޕަސެންޓް ދައްކައިފަ އެވެ. އެއީ 4.5 މިލިއަން ޑޮލަރު ނުވަތަ 69.39 މިލިއަން ރުފިޔާ އެވެ. މި މަޝްރޫގެ ބާކީ ފައިސާ އެ ކުންފުނިން ދައްކަންޖެހޭނީ ލޯނެއް ނަގައިގެން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ ދެ ޓަވަރުގެ ބިންގާ އަޅާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ދެ ޓަވަރު ވެސް އަޅަނީ 15 ބުރި އަށެވެ. އެސްޓީއޯ އިން އިމާރާތް ކުރާ މި ދެ ޓަވަރުގެ މަސައްކަތް ކުރަނީ ގާތްގަނޑަކަށް 24،000 އަކަފޫޓުގެ ސަރަހައްދެއްގައި 350 އެޕާޓްމެންޓް ތަރައްގީ ކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހުރިހާ މަސައްކަތްތަކެއް ރިވިއު ކުރުމަށް އާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރުގެ މަސައްކަތް ކުރުމަށް ސަރުކާރުން އޭރު ވަނީ ނިންމައިފަ އެވެ.