19 ޑިސެމްބަރ 2018 - 13:00

ނިއު ޔޯކް (ޑިސެމްބަރު 19) - މައްސަލަ ބޮޑު ޓްރަމްޕް ފައުންޑޭޝަން ބަންދު ކުރަން އެއްބަސްވެއްޖެ އެވެ.
ނިއު ޔޯކް ސްޓޭޓުގެ އެޓާނީ ޖެނެރަލް ބާބަރާ އަންޑަވުޑް ވިދާޅުވީ ފައުންޑޭޝަން ބަންދުކުރާ އިރު އެ ޗެރިޓީގައި ހުރި ފައިސާ ބަހަމުންދާ ގޮތް އޭނާ ބައްލަވާނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރާނީ ރަނގަޅު ގޮތުގައި ހިންގާ ޖަމާއަތްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕް އާއި އޭނާގެ ދޮށީ ތިން ދަރިން ވަނީ ޓްރަމްޕް ފައުންޑޭޝަން ސިޔާސީ ގޮތުގައި ބޭނުންކޮށްފައި ކަމަށެވެ.
އަންޑަވުޑް ވިދާޅުވީ ޓްރަމްޕާއި ޑޮނަލްޑް ޖޫނިއާ، އިވަންކާ އަދި އެރިކުގެ މައްސަލަ ބައްލަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓްރަމްޕް ފައުންޑޭޝަނުން ގާނޫނާ ޚިލާފު ކަންކަން ހިންގާފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ފައުންޑޭޝަންގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށެވެ.
ޓްރަމްޕް ފައުންޑޭޝަންގެ ވަކީލް ވިދާޅުވީ 2016 ވަނަ އަހަރުގެ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރެއްވުމާ އެކު ފައުންޑޭޝަން އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ ފައުންޑޭޝަނުން ވަނީ 700 އަށް ވުރެ ގިނަ ޗެރިޓީތަކަށް 19 މިލިއަން ޑޮލަރު ހޭދަކޮށްފައި. އޭގެ ތެރޭގައި ޓްރަމްޕުގެ އަމިއްލަ 8.25 މިލިއަން ޑޮލަރު ވެސް ހިމެނޭ،" ވަކީލް ވިދާޅުވި އެވެ.