19 ޑިސެމްބަރ 2018 - 15:29

އަންހެނުންގެ ހައްގުތަކާއި ޖިންސީ ހަމަހަމަ ކަމުގެ ފުރުސަތުތަކަށް ހުރަސްއަޅާ ނުފޫޒުތަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މިނިސްޓަަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަންހެނުންނަށް ދިމާވާ ހުރަސްތަކާ ގުޅޭގޮތުން އދ. އަށް ހުށަހަޅަން ޖެހޭ "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވުމެން (ސީޑޯ)" ރިޕޯޓުގައިވާ މައުލޫމާތުގެ ސައްހަކަން ބެލުމަށްޓަަކައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުން ހުޅުއްވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި އަދިވެސް ދެ ޖިންސުގެ ދައުރާއި މަސްއޫލިއްޔަތާ މެދު ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މިނިސްޓަރާ ހަވާލާދީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ސީޑޯ އަކީ އަންހެނުންގެ ހައްގުތައް ހިމާޔާތް ކުރުމަށްޓަކައި 1979 ގައި އދ. އިން އެކުލަވާލި މުއާހަދާއެކެވެ. އޭގައި 189 ގައުމަކުން ސޮއިކޮށްފައިވެ އެވެ. މި މުއާހަދާގައި ރާއްޖޭން ބައިވެރިވ 1993 ގަ އެވެ. މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އެ ގައުމަކުން އަންހެނުންގެ ހައްގުތަށް ހިމާޔަތްކުރުމަށާއި ކުރިއެރުވުމަށް ކުރި މަސައްކަތާ ބެހޭ ރިޕޯޓެއް ކޮންމެ ހަތަރު އަހަރަކުން ހުށަހަޅަން ޖެހެ އެވެ.
މިއަދުގެ ބައްދަލުވުމުގައި އެކި މިނިސްޓްރީތަކުގައި ޖެންޑާ ފޯކަލްއަށް މަސައްކަތްކުރާ ފަރާތްތަކާއި، އދ. ގެ އެކި އޭޖެންސީތަކާއި ޖަމިއްޔާތައް ހިމެނޭގޮތަށް 72 މީހަކު ބައިވެރިވި އެވެ.