ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓައިގާ ޝްރޮފްގެ ކާމިޔާބު ފްރެންޗައިޒް "ބާގީ" ގެ ތިން ވަނަ ބައި މި އަހަރުގެ ކުރީކޮޅު އިއުލާން ކުރުމަށް ފަހު، އެ ފިލްމު ރިލީޒް ކުރާ ތާރީހު ވެސް ފޭނުންނާ ހިއްސާކޮށްފި އެވެ.

ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑް ސަން އާއި ފޮކްސް ސްޓާ އިން ޕްރޮޑިއުސްކޮށް، އަހުމަދު ހާން ޑައިރެކްޓް ކުރާ "ބާގީ 3" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް، 6، 2020 ގަ އެވެ. ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާން ކުރި ނަމަވެސް، މީގެ ބަތަލާއަކީ ކޮބައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ސާރާ އަލީ ހާން "ބާގީ 3" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނެ ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް، ސާރާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

މި އަހަރުގެ މާޗް 30 ގައި ރިލީޒް ކުރި "ބާގީ 2" ގައި ބަތަލާގެ ރޯލް ކުޅުނީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ. އަދި 2016 ގައި ރިލީޒް ކުރި "ބާގީ" ގައި ބަތަލާގެ ރޯލް ކުޅުނީ ޝުރަދާ ކަޕޫރެވެ.

އަހުމަދު ޑައިރެކްޓް ކުރި "ބާގީ 2" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމު 100 ކްރޯޑް ކުލަބުން ޖާގަ ވެސް ހޯދި އިރު، ފިލްމަށް 253.18 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމަށް ހަރަދު ކުރީ 59 ކްރޯޑެވެ.

މި ސީރީޒްގެ ފުރަތަމަ ބައި ޑައިރެކްޓް ކުރި ޓައިގާ 2013 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" ޑައިރެކްޓް ކުރި ސައްބީރު ހާނެވެ.

"ބޭބީ ޑޯލް" އާއި "ލައިލާ މެ ލައިލާ" ފަދަ މަގުބޫލު ލަވަތަކުން ނެށުމުގެ ހުނަރު ވެސް ދައްކާލާފައިވާ ބަތަލާ ސަނީ ލިއޯނީގެ އާ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ލަވަ އަށް ދީފައިވާ ނަމަކީ "ލަވްލީ އެކްސިޑެންޓް" އެވެ. ލަވައިން ސަނީއާ އެކު ފެނިގެން ދަނީ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކުރުޝްނާ އަބީޝެކް އެވެ. "ލަވްލީ އެކްސިޑެންޓް" ކިޔާފައި ވަނީ ތަޕޯޝް އާއި ހަރުޖޯތު ކޯރް އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ކޯޝިކް އާކާޝް ގުއްޑޫ (ކޭއޭޖީ) އެވެ.

ދާދި ފަހުން ވަނީ ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އަދި ޓީވީ ބަތަލާ ކަރިޝްމާ ތަންނާގެ ހަރަކާތްތައް ފެނިގެންދާ "ޓެންޝަން ވާލީ ރާތު" ގެ ނަމުގައި ވެސް ވީޑިއޯ ލަވައެއް ވެސް ދައްކާލައިފަ އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ބިރުވެރި ފިލްމު "އަމާވަސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ "އެލޯން" އާއި "ރާގިނީ އެމްއެމްއެސް 2" އަދި "1921: އީވިލް ރިޓާންސް" ފަދަ ބިރުވެރި ފިލްމުތައް ގެނެސް ދީފައިވާ ބުޝަން ޕަޓޭލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "އަމާވަސް" ގެ ލީޑް ރޯލް ކުޅެފައި ވަނީ ނަރުގިސް ފަޙްރީ އާއި ސަޗިން ޖޯޝީ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އަސްގަރު އާގާ، މޯނާ ޖަސްބީރު ސިންގް، ނަވްނީތު ކޯރް ދިލަން އަދި ވިވިއަން ބަތޭނާ ހިމެނެ އެވެ.

އިމްރާން ހާޝިމީގެ ފިލްމު "ޗީޓް އިންޑިއާ" ގެ ޕްރޮމޯޝަނަލް ލަވަ "ދާރޫ ވަރުގީ" ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ލަވައިގެ މިއުޒިކާއި ޅެން ހަދައި ލަވަ ކިޔާފައި ވަނީ އަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ގުރޫ ރާންދަވާ އެވެ. "ޗީޓް އިންޑިއާ" ގެ ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި ދައްކައިލި މި ލަވައިން ގުރޫ އާއި އިމްރާން ވެސް ފެނިގެން ދެ އެވެ.

ސޯމިކް ސެން ޑައިރެކްޓްކޮށްފައިވާ "ޗީޓް އިންޑިއާ" އަކީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.