ދީޕިކާ ޕަދްކޯންގެ އާ ފިލްމުގެ ނަމަކީ "ޗަޕާކް"، ބަތަލަކަށް ވިކްރަމް މަސޭ
ދީޕިކާ ޕަދްކޯންގެ އާ ފިލްމުގެ ނަމަކީ "ޗަޕާކް"، ބަތަލަކަށް ވިކްރަމް މަސޭ

ލޯބީގެ މައްސަލައެއްގައި އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ނަމަކަށް "ޗަޕާކް" ކިޔައި، ދީޕިކާ ޕަދްކޯންއާ އެކު ފިލްމުގެ ބަތަލުގެ ރޯލް ކުޅެން ވިކްރަމް މަސޭ ހަމަޖައްސައިފި އެވެ.

ވިކްރަމްއަކީ "ލިޕްސްޓިކް އަންޑަ މައި ބުރުގާ" އާއި "އަ ޑެތު އިން ގުންޖް" ގެ އިތުރުން "ދިލް ދަޅަކް ނޭ ދޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނާގެ ކުޅެފައިވާ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީގެ ވެބް ސީރީޒް "ބްރޯކެން ބަޓް ބިއުޓިފުލް" މިހާރު އަންނަނީ ސްޓްރީމް ކުރަމުންނެވެ.

"ޗަޕާކް" އާ ބެހޭ ގޮތުން ޑައިރެކްޓަރު މެގްނާ ގުލްޒާރު މުމްބާއީ މިރާ އަށް ބުނީ ފިލްމުގައި ވިކްރަމް ކުޅޭނީ ލަކްޝްމީގެ މިހާރުގެ ބައިވެރިޔާ އަލޯކް ޑިކްސިޓްގެ ރޯލް ކަމަށެވެ. އޭނާ ބުނި ގޮތުގައި "އަ ޑެތު އިން ގުންޖް" ބެލި ފަހުން، ވިކްރަމްއާ އެކު މަސައްކަތްކޮށްލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.

އެހެންވެ "ޗަޕާކް" އިން ފުރުސަތު ދިނީ ކަމަށް ބުންޏެވެ.

"އޭނައަކީ މި ފިލްމަށް ވަރަށް ފިޓް އެކްޓަރެއް. އަދި އެހާމެ ހުނަރުވެރި އެކްޓަރެއް. ދީޕިކާ ވެސް ހުރީ ވިކްރަމް ފިލްމަށް ގެނެވުނީތީ ވަރަށް ހިތްހަމަޖެހިފައި،" މި އަހަރު "ރާޒީ" ގެނެސް މެގްނާ ބުންޏެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޗަޕާކް" ގައި ދީޕިކާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ރާޖްކުމާރު ރާއޯ އެވެ. ނަމަވެސް މި ފިލްމަށް ވިކްރަމް ހަމަޖެއްސުމާ އެކު، ދީޕިއާ އެކު މަސައްކަތްކޮށްލުމުގެ ހުވަފެނުގައި ހުރި އެކްޓަރުގެ ހުވަފެން މި ފަހަރު ވަނީ ބިލާހަކަށްވެގެން ގޮސްފަ އެވެ.

މެގްނާ ބުނި ގޮތުގައި ވަރަށް އަވަހަށް "ޗަޕާކް" ގެ މުޅި ކާސްޓް ހަމަޖައްސައި، މާޗް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ. ނަމަވެސް މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ޗަޕާކް" ވެގެން ދާނީ މި އަހަރު ކުރީކޮޅު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު، ދީޕިކާ ކުޅޭ ފުރަތަމަ ފިލްމަށެވެ. އަދި މިއީ އެކްޓަރު ރަންވީރު ސިންގްއާ ކައިވެނި ކުރުމަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ޗަޕާކް" ގައި އެކްޓް ކުރުމުގެ އިތުރަށް މީގެ ޕްރޮޑިއުސަަރެއްގެ ޒިންމާ ވެސް ދީޕިކާ ނަގާނެ އެވެ.