19 ޑިސެމްބަރ 2018 - 09:05

މެންޗެސްޓާ (ޑިސެމްބަރު 19) - ހޯސޭ މޮރީނިއޯ އިއްޔެ މަގާމުން ވަކިކުރުމުން ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް، މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކުރީގެ ފޯވާޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސޯލްޝެއާ ޔުނައިޓެޑުގެ ކޯޗަކަށް ގެންނަން ނިންމާފައިވާކަން ޔަގީންވާ އެއް ސަބަބަކީ ޔުނައިޓެޑްގެ ވެބްސައިޓްގައި އިން ވީޑިއޯއެއްގައި ޖަހާފައިވާ ލިޔުންކޮޅެއްގެ ސަބަބުންނެވެ. އެ ލިޔުން ކޮޅުގައި އޮތީ "ބާސެލޯނާ ދަނޑު ކޭމްޕް ނޯ ގައި މީގެ 20 އަހަރު ކުރިން މުހިއްމު ގޯލު ޖެހި ސޯލްޝެއާ އަހަރެމެންގެ ވަގުތީ ކޯޗުކަމަށް" މިހެންނެވެ. ޔުނައިޓެޑުން މިހާރު ވަނީ އެ ވީޑިއޯ ޑިލީޓް ކޮށްލައިފަ އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، މި ސީޒަނުގެ ނިޔަލަށް ސޯލްޝެއާ ޔުނައިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
ނޯވޭގެ ބޮޑުވަޒީރު އާނާ ސޯލްބާގް ވެސް ވަނީ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުކަން ލިބުމުން އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަކު ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކުރައްވައިފަ އެވެ.
އުމުރުން 45 އަހަރުގެ ސޯލްޝެއާ މި ވަގުތު ހުރީ ނޯވޭގެ ކްލަބެއް ކަމަށްވާ މޯލްޑޭގެ ކޯޗަކަށެވެ. ޔުނައިޓެޑަށް 1996 އިން 2007 ވަނަ އަހަރާ ހަމަ އަށް ކުޅުނު ސޯލްޝެއާ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު ޔުނައިޓެޑްގެ ރިޒާވް ޓީމުންނެވެ. އެ ޓީމުގައި އޭނާ ތިން އަހަރު ހޭދަކުރި އެވެ. އޭނާގެ އެންމެ ހާއްސަ ހަނދާނަކީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފަހު ވަގުތު ބަޔާން މިއުނިކް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ޖެހި ލަނޑެވެ.
ޔުނައިޓެޑަށް 235 މެޗު ކުޅެދިން ސޯލްޝެއާ ސީނިއާ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު މޯލްޑޭ އިންނެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކޮށް 2014 ވަނަ އަހަރު ސޯލްޝެއާ ވަނީ އޭރު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އައި ކާޑިފް ސިޓީގެ ކޯޗަކަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ހޭދަކުރި ހަތް ވަރަކަށް މަސް ތެރޭ ސޯލްޝެއާ އަށް އެންމެ ބޭނުންވި ތަފާތެއް ނުދެއްކުނެވެ. ދެ ވަނަ ޑިވިޝަނަށް ކާޑިފް ރެލިގޭޓްވެ، އެ މުބާރާތުގެ ފުރަތަމަ މެޗުތަކުގައި އެ ޓީމުގެ ނަތީޖާ ދަށްވުމުން ސޯލްޝެއާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ނޯވޭގެ ކްލަބް ކްލޯސެނެގަންގެ 19 އަހަރުން ދަށުގެ ޓީމަށް 2014 ވަނަ އަހަރު ފަހު ކޮޅު ކޯޗުކޮށްދިނުމަށް ފަހު އަލުން މޯލްޑޭ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ހުރީ އެ ޓީމުގެ ކޯޗަކަށެވެ.
މޮރީނިއޯ ވަކިކުރުމަށް ފަހު ޔުނައިޓެޑުން ވަނީ ކްލަބްގެ ހިންގުން ބަދަލުކުރުމަށް މަސައްކަތް ފަށައިފަ އެވެ. އަދި ވަރަށް އަވަހަށް އެ ޓީމުން ސްޕޯޓްސް ޑައިރެކްޓަރެއް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމަށް މީހަކު ގެންނަ ފުރަތަމަ ފަހަރެވެ. ކުރިން އެ ޒިންމާ އަދާކުރަނީ އެގްޒެކްޓިވް ޗެއާމަން ނޫނީ ވައިސް ޗެއާމަން އެވެ.
ޔުނައިޓެޑަށް ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ 17 މެޗަށް ފަހު 26 ޕޮއިންޓް ލިބުނުއިރު، މިއީ 1990 ވަނަ އަހަރަށް ފަހު އެ ޓީމު އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ. ލީގުގެ ހަ ވަނައިގައި އޮތް ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ރަށުންބޭރުގައި ނުކުންނާނީ ކާޑިފްއާ ދެކޮޅަށެވެ.
ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖައްސައިފިނަމަ އޭނާ ފުރަތަމަ މެޗުގައި ނުކުންނާނީ ކުރިން އޭނާ ކޯޗުކޮށްދިން ޓީމާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ވިސްނުން ހުރީ މި ސީޒަނުގެ ނިޔަލަށް ކޯޗެއް ހަމަޖެއްސުމަށް ފަހު އަންނަ އަހަރަށް ދާއިމީ ކޯޗެއް ހޯދާށެވެ. އެ ޓީމުން އެންމެ ބޮޑަށް ބޭނުންވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރީސިއޯ ޕޮޗެޓީނޯ އެވެ.