ވޮލީބޯޅަ އިންތިހާބު ހޯމް މިނިސްޓްރީން ބާތިލްކޮށްފި
ވޮލީބޯޅަ އިންތިހާބު ހޯމް މިނިސްޓްރީން ބާތިލްކޮށްފި

މި އަހަރުގެ މާޗު 17 ވަނަ ދުވަހު ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، ސްޕޯޓްސް ކޮމިޝަނަރު ވެސް ވަނީ އިންތިހާބު ބާތިލްކޮށް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވަން އަންގައިފަ އެވެ.

އެކަމަކު އޭރު ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، އެސޯސިއޭޝަނުގެ ބެލެނެވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށާއި އެހެންކަމުން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމަށް ތަބާނުވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 17 މާޗް 2016 ވަނަ ދުވަހު ބޭއްވެވި އިންތިހާބަކީ ބާތިލް އިންތިހާބެއްކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅީ އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފުވެފައިވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ފަހު ޖަމިއްޔާތަކުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެމަތިން ހިންގާ ކޮމިޓީއަށް އިންތިހާބުވާ މެމްބަރުންގެ މައުލޫމާތު ހުށަހެޅުއްވުމަށް އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނުން އިންތިހާބު ބާތިލްކުރީ، އެ ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެސޯސިއޭޝަނުން ކަނޑައެޅި 16 ކްލަބެއްގެ ތެރެއިން ފަސް ކްލަބެއް މެމްބަރުންގެ ގޮތުގައި ބެލޭނެ ހަމައެއް ނެތްއިރު ވެސް އެ ފަސް ކްލަބުން ވޯޓް ދީފައި އޮތުމެވެ. އެ ފަސް ކްލަބަކީ ވަށަވަރު ސްޕޯޓްސް އެންޑް އެވެއާނަސް، ޔުނައިޓެޑް ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް، މޯލްޑިވްސް ސްޕޯޓްސް ޖޫނިއާ، ކްލަބް ތުރީސްޓާ އަދި މުލަކު ރިކްރިއޭޝަން ކްލަބެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެކޮޅަށް ހުށަހެޅި މައްސަލަައެއް ތަހުގީގުކުރި އިރު، އެ އެސޯސިއޭޝަނުގެ އިންތިހާބަށް އަސަރު ފޯރާ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ސްޕޯޓްސް ކޮމިޝަނަރާއި ހޯމް މިނިސްޓްރީ އަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ އިއްޔެ އަންގައިފަ އެވެ.