18 ޑިސެމްބަރ 2018 - 21:37

ކުރީގެ ރައީސް އަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ޖަމާކުރި މައްސަލަ ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު އަމިއްލަ ކުންފުންޏަކުން ޖަމާކުރިއިރު، އެ ކުންފުނީގެ އެކައުންޓަށް ޖަމާވެފައި ހުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ.
ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެސްއޯއެފް ކުންފުނީގެ ސެކްރެޓަރީ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި މިހާތަނަށް އައިއިރު، ހިއްސާދާރުންނާ ސުވާލު ނުކުރެވެނީ ރާއްޖޭން ބޭރުގައި ތިބީމަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އެ މީހުންގެ ބަސް ހޯދަން ޖެހޭތީ، އެމީހުން އޭސީސީ އަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވެ އެވެ.
މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރު، އޭސީސީގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި މި އަހަރުގެ ޖޫން 28 ވަނަ ދުވަހު ކޮމިޝަންގެ ބެލުމުގެ ދަށަށް އެ ފައިސާތައް ގެނެސްފައިވާ ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ. އެކަމަކު، އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅޭ އިތުރު ކަންތައްތަކެއް އޭސީސީން ކުރި ތަހުގީގުން ފާހަގަ ކުރެވިފައި ވާތީ އެކަން ޕޮލިހަށް ހުށަހެޅީ ކަމަށް ބުންޏެވެ.
ތަފްސީލް ނުދީ، އޭސީސީން ބުނީ އެކަންކަން ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.
ޔާމީން ވެރިކަމުގައި ހުންނެވި އިރު އެ މަނިކުފާނުގެ އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެއް މިލިއަން ޑޮލަރާ ގުޅިގެން ޔާމީނަށް އަމާޒުވަމުން އައި ފާޑުކިއުންތައް ދިފާއު ކުރައްވައި ޕީޕީއެމްގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވީ އެ ފައިސާ ޔާމީން ބޭނުންފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން، އެ ފައިސާއާ ގުޅޭ ގޮތުން އެމަނިކުފާނަށް ތުހުމަތުތައް ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފްއަށް އެމްއެމްޕީއާރުސީން ލިބިފައިވާ ފައިސާކަން އެނގުނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށާއި އެމަނިކުފާނަށް އެކަން އޭސީސީން އެންގެވުމުން އެ ފައިސާ ހިފަހައްޓަވަން އެންގެވީ ކަމަށް ޔާމީންގެ ގާތް ބޭފުޅުން ކުރިން ވިދާޅުވި އެވެ.
އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެކައުންޓްގައި ހުންނާނީ، ސައްހަ، ޖާއިޒް ފައިސާތަކެއް ކަމަށެވެ.