ވެންޓިލޭޓަރުގައި އޮތް ދަރިފުޅު ދެކިލަން އެމެރިކާއަށް ވަނުމުގެ ހުއްދަ އެންމެފަހުން ދީފި
ވެންޓިލޭޓަރުގައި އޮތް ދަރިފުޅު ދެކިލަން އެމެރިކާއަށް ވަނުމުގެ ހުއްދަ އެންމެފަހުން ދީފި

ގާހިރާ (ޑިސެމްބަރު 19) - ހާލު ދެރަވެގެން ވެންޓިލޭޓަރުގައި އޮތް ދަރިފުޅު ދެކިލަން އެމެރިކާ އަށް ވަނުމުގެ ހުއްދަ އެ ކުއްޖާގެ ޔަމަންގެ މަންމަ އަށް ނުދީ އެތައް ދުވަހަކު ހިފެހެއްޓުމަށް ފަހު އެންމެ ފަހުން އިއްޔެ ވިސާ ދީފި އެވެ.

ޝައިމާ ސްވިލޭހް އަށް އެމެރިކާ އަށް ދިއުމުގެ ވިސާ ނުދީ ހިފެހެއްޓީ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި "މުސްލިމް ބޭން" ލިސްޓުގައި ޔަމަން ހިމެނޭތީ އެވެ. އެކަމަކު ސްވިލޭހްގެ ފިރިމީހާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އަލީ ހަސަން ވަނީ އޭނާގެ އަންހެނުން އެމެރިކާ އަށް އެތެރެވެވޭނެ ލުޔެއް ހަމަޖައްސައިދިނުމަށް ސްޓޭޓް ޑިޕާޓްމަންޓުގައި އެތައް ފަހަރަކު އެދިފަ އެވެ.

"އަހަރެންގެ އަންހެނުން ކޮންމެ ދުވަހަކު ދަނީ ގުޅައި ދަރިފުޅު އަބްދުﷲ ގެ ހާލު ބަލަމުން. އެންމެ ފަހު ވަގުތު ނަމަވެސް ދަރިފުޅު ދެކިލަން އޭނާ ބޭނުންވޭ،" އުމުރުން 22 އަހަރުގެ އަލީ ހަސަން ބުންޏެވެ.

އެދެމަފިރިންގެ ދެ އަހަރުގެ ދަރިފުޅު އަބްދުﷲ ހަސަން އަށް ޖެހިފައި ވަނީ ސިކުނޑީގެ ނުރައްކާތެރި ބައްޔެކެވެ. ސްވިލޭހްގެ ވިސާ މިދިޔަ އަހަރު ވެސް ވަނީ ގަބޫލް ނުކޮށްފަ އެވެ. އެއީ އެމެރިކާ އަށް ވަނުން މަނާކުރާ މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުގެ ތެރޭގައި ޔަމަން ހިމެނޭތީ އެވެ. އުމުރުން 21 އަހަރުގެ ސްވިލޭހް މިހާރު ދިރިއުޅެނީ މިސްރުގަ އެވެ.

ސެން ފްރެންސިސްކޯ ކްރޮނިކަލް އަށް ދިން އިންޓަވިއުއެއްގައި އަލީ ހަސަން ބުނީ މަންމަ ދެކިލަން އެ ކުއްޖާ މިސްރަށް ގެންދެވެން ނެތުމުން މަންމަ އެމެރިކާ އަށް އެތެރެވާން ޖެހޭ ކަމަށެވެ.

ޝައިމާ ސްވިލޭހް އާއި އަލީ ހަސަން ފުރަތަމަ ވެސް ދިމާވެ ކައިވެނިކުރީ ޔަމަނުގަ އެވެ. އެ މީހުންގެ ދަރިފުޅު އަބްދުﷲ އުފަންވީ ވެސް ޔަމަނުގަ އެވެ. ދަރިފުޅާ އެކު ސްވިލޭހް މިސްރަށް ދިޔައީ އެ ކުއްޖާގެ އުމުރުން އަށް މަހުގަ އެވެ. އެއީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވުމުންނެވެ. ދަރިފުޅު އެމެރިކާ އަށް ގެންދިއުމުގެ ހުއްދަ ގާހިރާގައި ހުންނަ އެމެރިކާ އެމްބަސީން ދިނެވެ.

ވިސާ ލިބުމާ އެކު ކުއްޖާގެ މަންމަ މިއަދުގެ ވަގުތެއްގައި ސެން ފްރެންސިސްކޯ އަށް ދާނެ އެވެ.

"އަންހެނުންނަށް ވިސާ ލިބުން މިއީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވި އެއް ދުވަސް،" އަލީ ހަސަން ބުންޏެވެ.

އެމެރިކާ އަށް ވަނުން މަނާ ކޮށްފައި ވަނީ ޔަމަނުގެ އިތުރުން އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ނޯތު ކޮރެއާ މީހުންނެވެ. އަަދި ވެނެޒުއެލާގެ ބައެއް މީހުން ވެސް ވަނީ މަނާކޮށްފަ އެވެ.