18 ޑިސެމްބަރ 2018 - 17:05

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމަށް ސަރުކާރުން ކުއްޔަށްދީފައިވާ ރަށްތައް އިއުލާނުކޮށްފި އެވެ.
ފިޝަރީސް މިނިސްޓްރީގެ އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ ދަށުން 77 ރަށެއް މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ކަމަށެވެ. މިރަށްތަކުގެ ތެރެއިން 50 ރަށަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކެވެ. އަދި 15 ރަށަކީ ހަމައެކަނި މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކެވެ. މީގެ އިތުރުން 8 ރަށެއް މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަނީ ދޫކޮށްފަ އެވެ. އިތުރު ތިން ރަށެއް ދިރާސާ ކުރުމަށް ދޫކޮށްފައިވާ އިރު އިތާ މުތް ކަލްޗާކުރުމަށް ވަނީ އެއް ރަށް ދޫކޮށްފަ އެވެ.
އާ ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މައުލޫމާތު ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާއިރު ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް މީގެ ކުރިން ވަނީ އެ މިނިސްޓްރީން ހާމަކޮށްފަ އެވެ.
މިދިޔަ ހަފުތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ ރަށްތަކާ ގުޅޭ ހުރިހާ މައުލޫމާތަކާއި ރެކޯޑްތައް ދެން ބަލަހައްޓާނީ އެ މިނިސްޓްރީން ކަމަށެވެ. ކުރިން މި މައުލޫމާތުތައް ބަލަހައްޓަމުން ގެންދިޔައީ ފިޝަރީޒް މިނިސްޓްރީންނެވެ.
އިކޮނޮމިކް މިނިސްޓްރީން ރަށްތައް ބެލެހެއްޓި ނަމަވެސް ޓޫރިޒަމަށް ރަށްތައް ދިނުމުގައި ބިޑް ކުރުމުގެ މަސައްކަތްތަކަށް ކުރާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ބޭނުންތަކަށް ރަށްތައް ދިނުމުގެ ކަންކަން ވެސް ކުރާނީ ފިޝަރީސް މިނިސްޓްރީންނެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 1200 ރަށް އޮންނަ އިރު އޭގެ ތެރެއިން 186 ރަށަކީ މީހުން ދިރިއުޅޭ ރަށްތަކަށެވެ. އަދި ރިސޯޓުތަކުގެ ގޮތުގައި 140 ރަށް ހިންގަމުންދާއިރު 133 ރަށް ދަނީ ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމުންނެވެ.