20 ޑިސެމްބަރ 2018 - 07:14

އަންނަ މަހުގެ 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ، ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ހަމަ އެ ތާރީހުގައި ރިލީޒް ކުރާނެކަން ކަށަވަރުކޮށް ދެމުން ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
ތިން މިނިޓާއި 19 ސިކުންތުގެ ޓްރެއިލާ އިން ވަނީ ފިލްމު ވަރަށް ފުރިހަމަވާނެކަން ދައްކުވައި ދީފަ އެވެ. ވަކިން ހާއްސަކޮށް ކަންގަނާގެ ކެރެކްޓާއަކީ ފިސާރި ވަރުގަދަ އަދި ބެލުންތެރިން ޝައުވެރިކަމުން ފުރައިލާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ކަންގަނާ ފެނިގެންދާ ކޮންމެ މަންޒަރަކުން އޭނާ މި ފިލްމަށް ކުރި ބުރަ މަސައްކަތް ހާމަވެ އެވެ.
"މަނިކަރުނިކާ" ވެގެން ދާނީ ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ ވަރަށް ފުރިހަމަ އަދި މޮޅުން އެކްޓިންއެއް ފެނިގެން ދާނެ ފިލްމަކަށް ކަމަށް ގިނަ މީހުން ދެކެ އެވެ.
މީގައިި އޭނާ ކުޅެފައި ވަނީ މީގެ 160 އަހަރު ކުރިން އިނގިރޭސިންގެ އަތުން މިނިވަކަން ހޯދުމަށް ހަނގުރާމަކުރާ އިންޑިއާގެ ވަރުގަދަ ތާރީހީ ޝަހުސިއްޔަތު ރާނީ ލަކްޝްމީ ބާއީގެ ކެރެކްޓާ އެވެ. މިއީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިއެކެވެ.
"މަނިކަރުނިކާ" ހާއްސަވާ އަނެއް ސަބަބަކީ މި ފިލްމަކީ ކަންގަނާ އަށް ޑައިރެކްޝަނުގެ ކްރެޑިޓް ވެސް ލިބޭ ފިލްމަކަށްވުމެވެ. ޓްރެއިލާގައި ކްރިޝްގެ ނަމާ އެކު ޑައިރެކްޓަރުގެ ކްރެޑިޓް ކަންގަނާ އަށް ދީފައިވެ އެވެ.
މި ފިލްމަކީ "ބާހްބަލީ" ގެ ލިޔުންތެރިޔާ ކޭވީ ވިޖެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމަކަށްވާތީ ފިލްމުގެ ވާހަކަ ވަރަށް ފުރިހަމަ ވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ފިލްމުގެ ލަވަތަކުގެ ޅެންތައް ވެސް ހަދާފައި ވަނީ އިންޑިއާގެ އެންމެ ކުޅަދާނަ ޝާއިރުންގެ ތެރެއިން އެކެކެވެ. އެއީ ޕްރަސޫން ޖޯޝީ އެވެ. ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ޝަންކަރު-އިހްސާން-ލޯއި އެވެ.
އަނެއްކޮޅުން "މަނިކަރްނިކާ" އިން ވަރުގަދަ ސަޕޯޓިން ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ސުރޭޝް އޮބެރޯއީ، އަތުލް ކުލްކަރުނީ، ޑެނީ ޑެންޒޯންގްޕާ، މުހައްމަދު ޒީޝާން އައްޔޫބް، ޔާޝް ޓޮންކް، ކުލްބުޝަން ކަރްބަންދާ، ޖިއްޝޫ ސެންގުޕްތާ އަދި ޓީވީ ތަރިން ކަމަށްވާ އަންކިތާ ލޯކަންދޭ އާއި ތާހެރް ޝައްބީރު ފަދަ އެކްޓަރުން ހިމެނެ އެވެ.
ޒީ ސްޓޫޑިއޯސް އިން ޑިސްޓްރިބިއުޓް ކުރާ "މަނިކަރުނީކާ" އަކީ 180 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރާނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ޑަބްކޮށްގެންނެވެ.