18 ޑިސެމްބަރ 2018 - 15:11

އާ ސިޔާސީ ޕާޓީއެެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އާ ޕާޓީއެއް އުފައްދަވަނީ މުސްތަގު ބަލު އޮތީ އެކަން ކޮށްގެން ކަމަށް ވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 13 ގޮނޑިއަކަށް ވާދަކުރައްވާ މެމްބަރުންނަށް ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޔާމީން މިއަދު ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް އުފައްދަނީ އެމަނިކުފާނު ނޫން ކަމަށާއި އެކަމަކު އެމަނިކުފާނުގެ އެހީތެރިކަން ލިބިގެން ކަމަށެވެ. ޔާމީން ވިދާޅުވީ އެކަން ކުރައްވަނީ އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ ޕީޕީއެމްގެ ބޭފުޅުންކޮޅެއް ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގުދެމިގެން ދާތީ އެވެ. އަދި އެ މައްސަލަ އަވަސްކޮށްދެެއްވުމަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގައި ކަމަށް ވާތީ އާއި މައްސަލަ ދިގުދެމިގެން ދާތީ އެކަމަށް ޕާޓީގެ މެމްބަރުން ވެސް ތަސައްލީއެއް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ އާ ޕާޓީގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޕީޕީއެމް ވެސް ހިނގާނެ ކަމަށާއި އެއާ އެކު އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ އާ ޕާޓީ އުފެއްދުމުން ޕީޕީއެމްގެ މެމްބަރުން އެމަނިކުފާނާ އެކު އެ ޕާޓީ އަށް ދާން އެދިވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެމަނިކުފާނަށް ފަހިވާ ގޮތަށް މައްސަލަ ނިންމައިފި ނަމަ، އާ ޕާޓީއެއްގެ ބޭނުމެއް ނެތް ކަމަށާއި އެހެން ވެއްޖެ ނަމަ އަނބުރާ ޕީޕީއެމަށް އެ މެމްބަރުން ދިއުމަށް ވެސް ޔާމީން އެދިވަޑައިގަތެވެ.
ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ރޭ ވިދާޅުވީ އާ ޕާޓީ އަށް، ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީޕީ) އާއި ޕީޕަލްސް އެލައިންސް ޕާޓީ (ޕީއޭޕީ) އާއި ނެޝަނަލް ފްރަންޓް (އެންއެފް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރެއިން ނަމެއް ކިއުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އާ ނަމެއް ފައިނަލް ކުރުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.