18 ޑިސެމްބަރ 2018 - 15:01

އެމަނިކުފާނުގެ އެކައުންޓްގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ފްރީޒް ކޮށްފައިވާ އިރު އެކައުންޓްގައި "ގާނޫނާ ހިލާފަށް ހޯދި އެންމެ ލާރިއެއް ވެސް ނޯންނާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގައި 13 ދާއިރާއަކުން ކަނޑައެޅި ކެންޑިޑޭޓުންގެ ނަން އިއުލާންކުރަން ޕީޕީއެމް އޮފީހުގައި ބޭއްވި ހަފުލާއެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ހުށައެޅުއްވި މާލީ ބަޔާނުގައި ހިމެނޭ ކޮންމެ އަކުރެއް، ކޮންމެ އަދަދަކަށް ވެސް ޒިންމާ ނަންގަވާނެ ކަމަށެވެ.
އެކަމަކު އެ މާލީ ބަޔާން ހުށައެޅުއްވީ ކޮން ތާކަށް ކަމެއް ވިދާޅެއްނުވެ އެވެ.
"މީގައި ހުންނާނީ ޖާއިޒު ފައިސާ، ދައުލަތުގެ ފައިސާއެއް ވެސް ނޫން. މިއީ އެހެން މީހެއްގެ ވެސް ފައިސާއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކައުންޓަށް ވަން ކޮންމެ ފައިސާއެއް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ މާލީ ބަޔާން ލިޔާނީ އަޅުގަނޑަށް އެނގޭ އެއްޗެއް ދެއްތޯ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
"މާލީ ބަޔާންގައި އޮންނާނީ އަޅުގަނޑު ސޮއިކޮށްފައި އޮތް މާލީ ބަޔާނޭ. ކޮންމެ އަަކުރަކަށް، ކޮންމެ އަދަދަކަށް އަޅުގަނޑު ޒިންމާ އުފުލާނަން."
ޔާމީން ވިދާޅުވީ މީހެއްގެ އެކައުންޓްގައި ފައިސާ ހުރުމަކީ އެމީހަކާ މެދު ތުހުމަތުތަކެއް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެ މައުލޫމާތު ފުލުހުން ހާމަކުރުމުން ފުލުހުންނަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
އަޅުގަނޑުގެ "މާލީ ބަޔާނެއްގައި ހުރި މައުލޫމާތުތަކެއް ފުލުހުން ބޭނުންކުރަންވާނީ ޖާއިޒު ގޮތުގައި،" ޔާމީން ވިދާޅުވި އެވެ.
"އެކައުންޓްތަކުގެ މައުލޫމާތުތަކަކީ [ޒާތީ] މައުލޫމާތުތަކެއް."
މިއީ 100 މިލިއަން ރުފިޔާގެ ވާހަކަ ފުލުހުން ހާމަކުރި ފަހުން އެކަމާ ބެހޭ ގޮތުން ޔާމީން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަންް ރުފިޔާ ފްރީޒްކުރިކަން ފުލުހުން އިއުލާންކުރީ މިދިއަ ހޮނިހިރުދުވަހު ތަހުގީގަކަށް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ފަހުންނެވެ.
އަކަމަކު އެ ދުވަހު ސުވާލުކުރީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއްގަ އެވެ. އެމަނިކާނު ވިދާޅުވީ އެއީ ގާނޫނާ އެއްގޮތަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޭދަކުރަން ޖަމާކުރި ފައިސާ ކަމަށާއި އެއީ 2013 ގެ އިންތިހާބުގައި ވެސް ބޭނުންކުރެއްވި އެކައުންޓް ކަމަށެވެ.
ސަތޭކަ މިލިއަން ރުފިޔާގެ މައްސަލާގައި ޔާމީނާ ސުވާލުކުރުމުން ރިޕޯޓަރަށް އޮޅިގެން ދެ ފަހަރަށް 100 މިލިއަން ޑޮލަރޭ ބުނެވުނެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވަނީ އެމަނިކުފާނާ މެދު ކުރިން ތުހުމަތުކުރި 800 މިލިއަން ޑޮލަރުގެ ވާހަކަ ވެސް، މަޒާޖީ ގޮތެއްގައި ދައްކަވާފަ އެވެ.
"އަަޅުގަނޑަކީ ކުރިން 800 މިލިއަން ޑޮލަރު ގެންގުޅުނު މީހެއް،" އެމްޑީޕީގެ ވެރިކަމުގައި ޔާމީނާ މެދު ކުރި ތުހުމަތަށް އިޝާރަތްކުރައްވާ ވިދާޅުވި އެވެ.
"ތި 100 މިލިއަން ރުފިޔާއަކީ 800 މިލިއަން ޑޮލަރާ ބަލާއިރު ވަރަށް ކުޑަ އެއްޗެއް ނޫންތޯ."
ޔާމީން އެދިވަޑައިގަތީ އެ 100 މިލިއަން ރުފިޔާ ހޯދި ގޮތާ މެދު ފުލުހުން ވަކި ކަމަކަށް ތުހުމަތުކުރާ ނަމަ އެމަނިފާނުގެ އަރިހުން އެހުމަށެވެ.
"އޭރުން އަޅުގަނޑު އެ ތުހުމަތުން ބަރީއަވާނަން،" ޔާމީން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް މިއަދު ވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ވަރަށް ހިތާމަކުރަން އަޅުގަނޑުގެ މާލީ ބަޔާން ނާޖާއިޒު ގޮތެއްގައި [ފުލުހުންނަށް] ބޭނުންކުރެވުނީމަ."