18 ޑިސެމްބަރ 2018 - 14:38

ހއ. އިހަވަންދޫ މަސް ދޯންޏަކުން 12 ކިލޯގެ މާވަހަރެއް އިއްޔެ ހޮވައިފި އެވެ.
ކަންނެލި މަސްވެރިކަން ކުރާ "މާހޯރަ" ނަމަކަށް ކިޔާ ދޯންޏަކަށް އެ މާވަހަރު ފެނުނީ ހއ. ތުރާކުނާ ދިމާލުން ތިރީހަކަށް މޭލު ބޭރުންނެވެ. އެއީ މާވަހަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ހުދަންބަރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ މާވަހަރު ނެގި މީހުން ބުނެ އެވެ.
ދޯނީގެ މަަސްވެރިޔަކު "މިހާރު" އަށް މިއަދު ބުނީ މާވަހަރު ފެނުނީ މަހަށް ނުކުމެ އުޅެނިކޮށް، ދެފެން ދޭތެރޭގައި އޮއްވައި ކަމަށެވެ. އަދި މާވަހަރު ފެނުމާ ގުޅިގެން، އޭތި ޓެސްޓް ކުރުމަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެއީ މާވަހަރެއް ކަން. ސަބަބަކީ މާވަހަރަކާ ދާދި އެއްގޮތް ސިފަތަކެއް ހުރީމާ. އެކަމަކު ޓެސްޓް ކުރީމަ ކަށަވަރު ވާނީ،" އޭނާ ބުންޏެވެ.
އޭނާ ލަފާކުރާ ގޮތުގައި އެ މާވަހަރު ވިއްކާލައިގެން 10 މިލިިއަނެއްހާ ރުފިޔާ ލިބޭނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު މާވަހަރު ހޮވަ އެވެ. ބައެއް މީހުން މާވަހަރު ވިއްކައިގެން މިލިޔަނުން ފައިދާ ހޯދާފައި ވާއިރު ބައެއް މީހުން މާވަހަރު ކަމަށް ހީކޮށް ވިއްކަން އުޅުނު ބައެއް އެއްޗެހި މާވަހަރަށް ނުވެ އުކާލަން ވެސް ޖެހިފައިވެ އެވެ.