18 ޑިސެމްބަރ 2018 - 13:15

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނު ވައްދަން އުޅުނު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި 98 ފޯނާއި 104 ޗާޖަރާއި 18 ސިމް ކާޑާއި ނުވަ ހެޑްސެޓާއި ޔޫއެސްބީ 30 ކޭބަލާއި ފޯނުގެ 14 ބެޓެރި އަދި ޖޮއިސްޓިކެއް ޖަލަށް ވައްދަން މަސައްކަތްކޮށްފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެމީހުން ހައްޔަރުކުރީ މާފުށި ޖަލު ހުންނަ ސަރަހައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.
މީގެ ކުރިން ވެސް ޖަލަށް ފޯނު ވައްދަން މަސައްކަތް ކުރުމުގެ ތެރޭގައި މީހުން ހައްޔަރުކޮށްފައި ވެ އެވެ.