18 އޯގަސްޓް 2016 - 20:40

ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

ގެސްޓްހައުސް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ބާއްވާ ގެސްޓް ހައުސަސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސާ އެގްރިމެންޓްގައި އެ ބޭންކް އަދި ކޮންފަރެންސް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސް އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަށްފަހު އެ އިވެންޓްގެ ނަމަކަށް ވެގެންދާނީ "ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016" އެވެ.
ބޭންކުން ބުނީ އަންނަ މަހުގެ 24 ގައި ބާއްވާ އެ ކޮންފަރެންސް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތަކާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ޓުއާ އޮޕަރޭޓަރުންނާއި ހޮޓެލް ސަޕްލަޔަރުންނާއި ގުޅުވާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ކަމަށެވެ.
މޯލްޑިވްސް ގެޓަވޭސްއާ ހަވާލާދީ ބީއެމްއެލް ބުނީ ޖުމްލަ 150 ގެސްޓްހައުސް ވަޔަފާރިވެރިންނާއި މެނޭޖްކުރާ ފަރާތްތަކުން މިހާރު ވެސް ވަނީ އެ ކޮންފަރެންސްގައި ބައިވެރިވާނެކަން ކަށަވަރު ކޮށްފައި ކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންޓުން ކަމަށްވާ އެކްސްޕީޑިއާ އަދި ބުކިންޑޮޓް ކޮމްގެ ފަރާތުން ބައިވެރިވެ، އެ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކޮށް އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ އެއްބަސްވުމާ ބެހޭ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ގެސްޓްހައުސްތަކާއި ގެސްޓްހައުސް އިންޑަސްޓްރީއަކީ އެ ބޭންކުން ވަރަށް ބޮޑު އެހީތެރިކަމެއް ދޭން ޝައުގުވެރިވާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަން ކުރުވާނެ މިފަދަ މުހިންމު ކޮންފަރެންސެއްގެ ޓައިޓްލް ސްޕޮންސަރު ކުރުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.