18 ޑިސެމްބަރ 2018 - 12:05

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބޯޑުން ހުސްވެފައިވާ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރަން އާއްމު ޖަލްސާއެއް ހޮނިހިރު ދުވަހުގެރޭ ބާއްވަން ހަމަޖައްސައިފި އެވެ.
ވިކްޓްރީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވީ ކްލަބް މައްސަލަގަނޑެއްގެ ތެރޭގައި އޮއްވަ އެވެ.
އެނގިފައިވާ ގޮތުގައި ދެން ހުންނެވި ޗެއާމަން އިބްރާހިމް ނަޒީމާއި ބޯޑުގެ 10 ޑިރެކްޓަރުން އިސްތިއުފާ ދެއްވީ، ކްލަބް ހިންގަން ބޭނުންވާ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމުގައި އިސްކޮށް އުޅުއްވާ ޑރ. އަހުމަދު ނާޝިދު (ނާޝް) ވަނީ ވިކްޓްރީ ބޯޑުގެ ބައެއް މެމްބަރުން ތިބީ އިސްތިއުފާ ދޭ ގޮތަށް ކަމަށާއި ބޯޑަށް ވަނުމަށްޓަކައި އެންމެ ފަސޭހަ މަގަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.
ވިކްޓްރީގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެއް ކަމަށްވާ ނާޝިދު "މިހާރަ"ށް ވިދާޅުވީ ކްލަބުގެ ހާލަތު ރަނގަޅުކުރަން އޭނާއާ އެކު ތިބީ "ވިކްޓްރީ ބަލިވީމާ އަދި މޮޅުވީމާ އެކުރެވޭ އިހުސާސް އެނގޭ މީހުންތަކެއް" ކަމަށެވެ. އޭގެ ތެރޭގައި މި އިންތިހާބުގައި ވައިސް ޗެއާމަން، ފައިނޭންސް އެންޑް މާކެޓިންގެ މަގާމަށް ކުރިމަތިލައްވާ ކުރީގެ ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހިމެނެ އެވެ.
ވިކްޓްރީން ކުރި އިއުލާނެއްގައި ބުނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ބާއްވާ އިންތިހާބަށް ކުރިމަތިލައްވަވާ ބޭފުޅުން މިއަދުގެ މެންދުރުފަހު 3 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލަކުން އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.
ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
ވިކްޓްރީ ހިންގުން ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.
މި އަހަރު ވެސް، ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ އެތައް ދުވަސްތަކެއް ވެފައިވާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗަކަށް އެ ޓީމުން ހާޒިރުނުވެ ދިޔަ އެވެ. ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ދޭ ފައިސާ ވެސް ދީފައިވަނިކޮށް އެ ކްލަބް އެ ހާލަތައް ވެއްޓުނީ ރަނގަޅަށް ނުހިންގިގެން ކަމަށް އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.