19 ޑިސެމްބަރ 2018 - 07:32

ވަންޕްލަސް 6ޓީ މެކްލޭރަން އެޑިޝަން އަދި ވަންޕްލަސް 6ޓީ އަކީ މުޅިން ތަފާތު ދެ ފޯނެކެވެ. އެހެންކަމުން، ވަންޕްލަސް 6 އަށް ތިން ފޯނެއް ނިސްބަތްކުރެވެ އެވެ. އެއީ ވަންޕްލަސް 6، ވަންޕްލަސް 6ޓީ އަދި ވަންޕްލަސް 6ޓީ މެކްލޭރަން އެޑިޝަން އެވެ.
ވަންޕްލަސް 6ޓީ މެކްލޭރަން އެޑިޝަންގައި، "މެކްލޭރަން" ނިސްބަތް ވަނީ އިނގިރޭސިވިލާތުގެ ރޭސް ކާރު މަރުކާއަކަށެވެ. މި ފޯނު ޚާއްސަކޮށްފައި ވަނީ "އެފް ވަން ރޭސިން ޓީމް، މެކްލޭރަން" އަށެވެ.
މެކްލޭރަން އަށް ވެސް ޝަރަފެއް ގޮތުގައި ވަންޕްލަސް އިން އުފައްދާފައިވާ ސްމާޓްފޯން، ވަންޕްލަސްގެ އެހެން ފޯނުތަކުގައި ދަމަހައްޓާ އާދަތަކުން ވެސް ވަނީ އެއްކިބާކޮށްފަ އެވެ.
ވަންޕްލަސް ފޯނުތަކުގައި ރަތްކުލަ އާންމު ނަމަވެސް، މެކްލޭރަން އެޑިޝަނުން ފާހަގަކުރެވެނީ ފޯނުގެ މެދުން ފެށިގެން ތިރި އަށް، އޮރެންޖް ކުލައިން ދަމާލާފައި ހުރި ރޮނގެވެ. މެކްލޭރަން ކާރުތަކުގައި ވެސް މި ކުލަ ދަމަހައްޓާފައި ހުރެ އެވެ.
ފެކްޓަރީން ނެރޭއިރު ފޯނާއެކު ހިމަނާ އާލާތްތަކުގައި ވެސް ޖައްސާފައި ވަނީ ދޮން ފަލޯގައި ހުންނަ އޮރެންޖުލަ އެވެ. ފޯނުގެ ފޮށި، ޗާޖަރު، އެޑަޕްޓާ ކޭބަލް އަދި ބެޓެރީ ޗާޖުކުރާ ވާގަނޑުގައި ވެސް އޮރެންޖް ކުލަ އެވެ. އަނެއްކޮޅުން ފޯނުގެ ފަހަތު ކަވަރު ވެސް ވަނީ ރޭސް ކާރުތައް ސިފަކުރެވޭ ގޮތަށް، ކާބަން ފައިބަރު އިހުސާސަށް ބައްޓަންކޮށްފަ އެވެ.
ރޭސް ކާރެއްގެ އެންމެ މުހިންމު ސިފަ އަކީ "ސްޕީޑް" އެެވެ. ރޭސް ކާރެއް ނަމަ ދުވެލި ބާރުވާން ޖެހެ އެވެ. ވަންޕްލަސް 6ޓީ މެކްލޭރަން އެޑިޝަންގައި 10ޖީބީ ރޭމް ހިމަނާފައި ވަނީ ރޭސް ކާރުތަކާ ވާދަކުރަން ނޫން ނަމަވެސް، ދުވެލި ހަލުއިވާން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބެލެވެ އެވެ.