18 ޑިސެމްބަރ 2018 - 11:09

ބާސެލޯނާ (ޑިސެމްބަރު 18) – ބާސެލޯނާއާ މި ސީޒަނުގައި ގުޅުނު ބްރެޒިލްގެ ވިންގާ މެލްކޮމް އަށް ޗައިނާ އިން 65 މިލިއަން ޔޫރޯގެ އޮފާއެއް އައުމާ އެކު އޭނާ ވިއްކާލުމާ މެދު ބާސެލޯނާ އިން ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން 41 މިލިއަން ޔޫރޯ އަށް ގަތް އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ އަށް މާގިނަ ފުރުސަތެއް ނުލިބެ އެވެ. ހުރިހާ މުބާރާތެއްގައި އޭނާ އަށް ކުޅެން ލިބުނީ ޖުމްލަ 296 މިނެޓެވެ.
ބޯޑޯ އަށް ކުޅެމުން އައި މެލްކޮމް ފުރަތަމަ އޮތީ ރޯމާ އަށް ބަދަލުވާ ގޮތަށެވެ. އެކަމަކު މެޑިކަލް ޓެސްޓް ހެދުމަށް އިޓަލީ އަށް ފުރަން ތައްޔާރުވެފައިވަނިކޮށް ބާސެލޯނާ އިން ބޯޑޯއާ އެކު އެއްބަސްވުމަކަށް އައީ އެވެ.
ޗައިނާ އަށް ގޮސްފި ނަމަ މެލްކޮމް އަށް ކުޅެން ފުރުސަތު ލިބި އަދި ބޮޑު މުސާރައެއް ވެސް ލިބޭނެ އެވެ. އެކަމަކު ހުނަރުވެރި މި ކުޅުންތެރިޔާ ޒުވާން އުމުރެއްގައި އޭޝިއާ އަށް ބަދަލުވެއްޖެ ނަމަ ކެރިއަރަށް ހިޔަނި އެޅުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ބެލެވޭ ގޮތުގައި އޭނާ ބާރު އަޅާނީ ލޯން އުސޫލުން ނަމަވެސް ޔޫރަޕުގެ ޓީމަކަށް ބަދަލުވާށެވެ.
ޗައިނާގެ ލީގު ވަރުގަދަކޮށް ބޮޑު އަގުގައި ފަހަކަށް އައިސް ޔޫރަޕުން އަންނަނީ ކުޅުންތެރިން ހޯދަމުންނެވެ. އެކަމަކު ބަދަލުވާ ކުޅުންތެރިންގެ ތެރޭގައި ގިނައީ ރިޓަޔާމަންޓުގައި ތިބޭ ކުޅުންތެރިންނެވެ. އެހެންވިޔަސް މަދުން ނަމަވެސް ޒުވާން ކުޅުންތެރިން ބަދަލުވެ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ޕަޓޯ އާއި އެލެކްސް ޓަކްސޭރާ ހިމެނެ އެވެ.