18 އޯގަސްޓް 2016 - 20:03

ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިންނަށް ލުއިގޮތެއް ހޯދައިދިނުމުގެ ގޮތުން، ކުރިޔަށް އޮތް ދެ ހަފުތާގައި ދުވާލަކު 500 ޓިކެޓަށް ޑޮލަރު ވިއްކާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ހަފްތާތަކުގައި އެ ބޭންކުން ދުވާލަކަށް ގާތްގަނޑަކަށް 350 ޓިކެޓް ހުށަހެޅުމުން ކޮންމެ ޕެސެންޖަރަކަށް 500 ޑޮލަރު ވިއްކާފައިވާ ކަމަށެވެ. ނަމަވެސް ހައްޖުވެރިން ފުރާ ދުވަސްވަރާ ދިމާކޮށް ކުރިއަށް އޮތް ދެ ހަފްތާގައި މަދުވެގެން ދުވާލަކު 500 ޓިކެޓަށް ޑޮލަރު ވިއްކަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިގޮތުން މިހާރަށްވުރެ ގިނަ ދަތުރުވެރިންނަށް ޑޮލަރު ވިއްކުމުގެ އިތުރުން ކަސްޓަމްސް ސަރަހައްދުގައި ހުންނަ ސީ ޓްރެކްސް ބިލްޑިންގައި ހުރި ބޭންކްގެ ބްރާންޗުން ޑޮލަރު ލިބޭނެ އިންތިޒާމް ކުރިއަށް އޮތް ދެ ހަފްތާއަށް ހަމަޖެހިގެން ދާނެ. އެތަން އަންނަ އާދިއްތަ ދުވަހު ބަންދުކުރަން ނިންމި ނަމަވެސް ޑޮލަރު ވިއްކުމަށް އެތަން ދެ ހަފުތާ ވަންދެން ހުޅުވާފައި ބަހައްޓާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ އެމްއެމްއޭ އިން މީގެ ދެ އަހަރު ކުރިން ފެށި މަސައްކަތެކެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނި ވެސް 39 މިލިޔަން ޑޮލަރު އެ ބޭންކުން ވިއްކާފައިވެ އެވެ.
"މިއީ އެމްއެމްއޭއިން ބޭންކަށް ދޫކުރާ ޑޮލަރުގެ އިތުރުން، މިބޭންކުން ވެސް މިކަމަށް ބޮޑު އަދަދެއް ކަނޑައަޅައިގެން ވިއްކާ ޑޮލަރު. ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ގަތުމަށް އޮތް ޑިމާންޑްގެ ސަބަބުން ބީއެމްއެލްއިން މިކަމަށް ޚާއްސަކޮށްފައިވާ ޑޮލަރު މިހާރު އިތުރުކުރުމަށް ވަނީ ނިންމާފައި." އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބޭންކުން ވަނީ ދަތުރުވެރިންނަށް ޑޮލަރު ވިއްކާ މި ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ގޮތުން ވެސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އެ ބޭންކުން ވަނީ ޓިކެޓް ހިފައިގެން ޑޮލަރު ގަންނަންދާ ފަރާތަކީ ދަތުރު ކުރާ ފަރާތްކަމުގައި ވާން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި އާއިލާއާއެކު ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ހުށަހެޅުމުން ގިނަވެގެން ފަސް ޓިކެޓަށްވާ ޑޮލަރު، ދަތުރު ކުރާ ކޮންމެވެސް އެއް ފަރާތެއް ބޭންކަށް ދިއުމުން ވިއްކާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ކުރިން ނިންމާފައިވާ ގޮތަށް ބީއެމްއެލް ބާޒާރު ބްރާންޗްގެ ޚިދުމަތްތައް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުރި ބޭންކުގެ ބްރާންޗަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަދަލުވާނެ އެވެ. ނަމަވެސް ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސީ ޓްރެކްސް އިމާރާތުގައި މިހާރު ވެސް ދެމުންގެންދާ ޑޮލަރު ވިއްކުމުގެ ޚިދުމަތް ކުރިއަށް އޮތް ދެ ހަފްތާގައި ވެސް ލިބެމުން ދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިބަދަލާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ އެންޑްރޫ ހިލީ ވިދާޅުވީ ހައްޖު ދުވަސްވަރަށް ވާތީ މިއީ ޑޮލަރު ގަތުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ބޭންކަށް އެނގޭ ކަމަށެވެ.
"ކަސްޓަމަރުންގެ އަޑުތައް އަޅުގަނޑުމެން އަހައިފިން އަދި އަޅުގަނޑުމެން މިދަނީ ކަސްޓަމަރުން އެދޭ ގޮތަށް ޚިދުމަތް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" އެންޑްރޫ ވިދާޅުވެފައިވެ އެވެ.