19 ޑިސެމްބަރ 2018 - 07:33

ސޮނީ ޓީވީން މިހާރު ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މަނީޝް ޕޯލް އަކީ ކުޅަދާނަ އެކްޓަރެކެވެ. މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މަނީޝްގެ އާ ފިލްމެއް ރިލީޒް ކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އެއީ މި މަހުގެ 28 ގައި ރިލީޒް ކުރާ ކުރު ފިލްމު "ބަންޖަރު" އެވެ. ލިޓްމަސް ބިގް ޑައިރެކްޓްކޮށްފައިވާ ފިލްމުގައި މަނީޝް ފެނިގެން ދާނީ ޕަންޖާބީ އަސްކަރިއްޔާގެ އޮފިސަރެއްގެ ރޯލުންނެވެ. ފިލްމުގެ އިތުރު ކާސްޓުންނަކީ ސެހްބާން އާޒިމާއި އަރްޗަނާ ގުޕްތާ އެވެ.
"ބަންޖަރު" ގެ ވާހަކަ ލިޔެފައި ވަނީ ވެވެކް ޕޯލް އެވެ.
މަނީޝް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި މިކީ ވައިރަސް (2014) އާއި ތެރެ ބިން ލާދިން 2 (2016) ގެ އިތުރުން މި އަހަރު ރިލީޒް ކުރި "ބާ ބާ ބްލެކް ޝީޕް" ހިމެނެ އެވެ. މީގެ ކުރިން ވެސް މަނީޝް ވަނީ "ބްލެކް ބްރީފްކޭސް" ކިޔާ ކުރު ފިލްމެއް ވެސް ކުޅެފަ އެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ އިމްރާން ހާޝިމީގެ ފިލްމު "ޗީޓް އިންޑިއާ" އަށް ހާއްސަ ޕްރޮމޯ ލަވައެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
މި ލަވަ ފިލްމަށް ތައްޔާރުކޮށް ދެނީ މިހާރު އަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ އެވެ. އޭނާއާ އެކު ލަވައިން އިމްރާން ވެސް ފެނިގެން ދާނެ އެވެ. "ދާރޫވަރުގީ" ނަމަކަށް ކިޔާ ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
"ޗީޓް އިންޑިއާ" އަކީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ބާގަނޑުތަކުގެ މައްޗަށް ބިނާކޮށް، ސޯމިކް ސެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި އިމްރާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރެޔާ ދަންވަންތުރީ އެވެ.
ޗީޓް އިންޑިއާ" ގެ ޓްރެއިލާ ވެސް މިދިޔަ ހަފުތާގައި ދައްކާލާފައިވާ އިރު، ޕްރޮމޯ ލަވަ މިއަދު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
"އާޝިގީ 2" ފަދަ ފިލްމުތައް ކުޅުނު ޒުވާން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރުގެ އެޕާޓްމަންޓްގެ އެތެރޭގެ މަންޒަރުތައް ފޮކްސް ލައިފުން ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މޫދަށް ކުރިމަތިވާ ގޮތަށް ހުރި އެޕާޓްމަންޓްގެ އިންޓީރިއާ ވަނީ މި ޒަމާނާ ވަރަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިކަން ފާހަގަކޮށްލެވެ އެވެ. ހަތަރު ހާސް އަކަފޫޓްގެ މި އެޕާޓްމަންޓް އަދިތިޔާ ގަތީ މިދިޔަ އަހަރު އެވެ. އޭނާ ބުނި ގޮތުގައި އެޕާޓްމަންޓް ފަރުމާކޮށްފައި ހުރީ އޭނާގެ "ކޫލް" ސްޓައިލަށެވެ.
"ގުޒާރިޝް" އާއި "ދާވަތޭ އިޝްގް" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު މިހާރު އަންނަނީ އަންނަ އަހަރުގެ އެޕްރީލްގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ. އަދިތިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަޅަކް 2" ވެސް ހިމެނެ އެވެ.
މީގެ ކުރިން "ވޯ ބޭވަފާ" ފަދަ ބައެއް ވީޑިއޯ ލަވަތަކާއި ބައެއް ޓީވީ ސިލްސިލާތަކުގެ އިތުރުން މާ ބޮޑު ސަމާލު ކަމެއް ލިބިފައި ނުވާ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސޯނަމް އަރޯރާ އަށް ބޮލީވުޑްގެ ވަރުގަދަ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
އޭނާ މުހިއްމު ރޯލަކުން ފެނިގެން ދާނީ މިހާރު ޝޫޓް ކުރަމުން އަންނަ ޖޯން އަބްރަހަމްގެ ފިލްމު "ބަތުލާ ހައުސް" އިންނެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ޖޯންއާ އެކު ނަގާފައިވާ ސޯނަމްގެ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
ނިކިލް އަދުވާނީ ޑައިރެކްޓް ކުރާ މި ފިލްމުގެ ލީޑް ބަތަލާއަކީ މުރްނާލް ތާކޫރެވެ. ޓީވީ ސިލްސިލާ "ކުމްކުމް ބަގިޔާ" ގައި ކުރިން މަސައްކަތް ކުރި މުރްނާލްއަކީ ދާދި ފަހުން ރިލީޒް ކުރި "ލަވް ސޯނިއާ" ގެ ބަތަލެވެ. ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ބަތަލާއަކީ ވެސް އޭނަ އެވެ.
"ބަތުލާ ހައުސް" އާ ބެހޭ ގޮތުން ސޯނަމް ބުނީ ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އޭނާ ފެނިގެން ދާނެ ކަމަށާއި މާ ބޮޑު ތަފުސީލެއް އަދި ދެވެން ނެތް ކަމަށެވެ. އޭނާ ވަނީ ފިލްމުން ފުރުސަތު ދިން ކަމަށްޓަކައި ޖޯން އާއި ނިކިލް އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"ބަތުލާ ހައުސް" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.