18 ޑިސެމްބަރ 2018 - 10:12

ސ. ހިތަދޫ ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ކުނި ކޮށި ކައިރިން އެ އަތޮޅު ގަމަށް ދުއްވާފައި ދިޔަ ކާރެއްގައި ރޯވެގެން 1:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކާރުގައި ރޯވުމުގެ ކުރިން އެންމެ ފުރަތަމަ ދުން އަރަން ފެށީ ޑޭޝްބޯޑާ ދިމާލުންނެވެ. އެވަގުތު ކާރުގައި ދިވެހި ތިން ފިރިހެނުން ތިއްބެވެ. ކާރުގައި ރޯވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މީގެ ކުރިން ވެސް ދުއްވާފައި ދިޔަ ކާރުތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް އައްޑޫގައި ހިނގާފައި ވެ އެވެ.