19 ޑިސެމްބަރ 2018 - 07:40

އަންހެނުންނަށް ކުޑައިމީސްވާ ގޮތަށް ފިލްމުތަކުގައި އައިޓަމް ލަވަ ނުހިމަނާނެ ކަމަށާއި މީގެ ކުރިން ކުރެވިފައިވާ އެފަދަ މަސައްކަތާ މެދު މާފަށް އެދޭކަމަށް ބެކަރަން ޖޯހަރު ބުނުމުން، ހިތްގައިމު އައިޓަމް ލަވަތަކެއް ކުޅެދީފައިވާ ބަތަލާ ކެޓްރީނާ ކެއިފް ރައްދު ދީފި އެވެ.
ކެޓްރީނާ ބުނީ ކަރަންގެ ފިލްމެއްގައި ކުޅުނު އައިޓަމް ލަވަޔަކާ ހެދި ކަރަން ދެރަވި ނަމަވެސް އެ ލަވަ ކުޅެވުނީތީ ދެރަނުވާ ކަމަށެވެ.
ކަރަން ބުނި ގޮތުގައި އަންހެނުންގެ "އިމޭޖް ޚަރަބުވާ" ގޮތަށް އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ އެއްވެސް ފިލްމެއްގައި ދެން ދުވަހަކު ވެސް އައިޓަމް ލަވައެއް ނުހިމަނާނެ އެވެ.
ބޮލީވުޑްގައި އައިޓަމް ލަވައިގެ ގޮތުގައި ފާހަގަކުރެވެނީ ފިލްމުތަކުގައި ލީޑް ބަތަލާގެ ރޯލް ކުޅޭ ބަތަލާ ނޫން މަޝްހޫރު ކޮންމެވެސް އެހެން ބަތަލާއަކު ހިމަނައިގެން ފިލްމު އިތުރަށް ޕްރޮމޯޓް ކުރަން ހިމަނާ ލަވަތަކަށެވެ. އަދި މިފަދަ ގިނަ ލަވަތަކަކީ ވަރަށް ގިނަ ފަހަރަށް އަންހެނުންގެ ނިވާކަން ކުޑަކަން ދެއްކުމާ އެކު، ބެކް ޑާންސަރުންގެ ގޮތުގައި ގިނަ ފިރިހެނުން ވެސް ހިމަނައިގެން ގެނެސްދޭ ލަވަތަކެވެ.
ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަކީ ބެލުންތެރިންގެ ސަމާލުކަން ހޯދުމަށްޓަކައި މިފަދަ ލަވަތައް ފިލްމުތަކުގައި ހިމަނަން ވަރަށް ބޮޑަށް އިސްކަންދޭ ބައެކެވެ. އައިޓަމް ލަވަތަކަށް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި އިންޑިއާގައި ރޭޕް ކުރުން ކަހަލަ ޖިންސީ ފުރައްސާރަތައް އަންހެނުންނަށް ކުރިމަތިވާ މައިގަނޑު އެއް ސަބަބަކީ ވެސް ފިލްމުތަކުގައި ދައްކާ ނިވާކަން ކުޑަ އައިޓަމް ލަވަތަކެވެ.
ކަރަންގެ ދަރުމާ އިން މިހާތަނަށް ގެނެސް ދިން ބައެއް ފިލްމުތަކުގައި ވަނީ އައިޓަމް ލަވަތައް ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެންމެ މަޝްހޫރު އެއް ލަވަކީ 2012 ގައި ރިތިކް ރޯޝަނާއި ޕްރިޔަންކާ ޗޯޕްޅާ ކުޅުނު ފިލްމު "އަގްނީޕަތު" ގައި ހިމެނޭ އައިޓަމް ކެޓްރީނާގެ އައިޓަމް ލަވަ "ޗިކްނީ ޗަމޭލީ" އެވެ.
މީގެ އިތުރުން 2015 ގައި ރިލީޒް ކުރި އަކްޝޭ ކުމާރާއި ސިދާތު މަލްއުތުރާގެ "ބުރަދާޒް" ގައި ވަނީ "މޭރާ ނާމް މޭރީ" ގެ ނަމުގައި ކަރީނާގެ ވަރަށް ނިވާކަން ކުޑަ އައިޓަމް ލަވައެއް ހިމަނައިފަ އެވެ. އަދި 2008 ގެ "ދޯސްތާނާ" ގައި ވަނީ ޖޯން އަބްރަހަމް އާއި އަބީޝެކް ބައްޗަންއާ އެކު ޝިލްޕާ ޝެޓީގެ އައިޓަމް ލަވައެއް "ޝަޓް އަޕް އެންޑް ބައުންސް" ގައި ނަމުގައި ހިމަނައިފަ އެވެ.
މިފަދަ ލަވަތަކާ ބެހޭ ގޮތުން ކަރަން ބުނީ އެއީ "އަންހެނުން އޮބްޖެކްޓިފައި" ކުރެވޭ ކަހަލަ އެއްޗެހި ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ. އަދި އޭނާގެ ފިލްމުތަކުގައި އެފަދަ ލަވަތައް ހިމެނިފައިވާތީ މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.
ކަރަން ބުނި ގޮތުގައި އަޑު އަހައިލަން ތަންކޮޅެއް އުނދަގޫ ކަހަލަ ބަސްތައް ހިމެނޭ ލަވަތަކާ އެކު އަންހެނެއްގެ ވަށައިގެން ފިރިހެނުން ތިބެގެން، އޭނާ އަށް ހިތްކިޔާ ގޮތަށް ނަށާ ލަވަތައް ގެނެސް ދިނުމަކީ މި ޒަމާނުގައި ކުރަން ރަނގަޅު ކަމެއް ނޫނެވެ.
"އެހެންވީމާ ދެން ދުވަހަކު ވެސް އެކަހަލަ ލަވައެއް ދަރުމާގެ ފިލްމެއްގައި ނުހިމަނާނަން،" އޭނާ ބުންޏެވެ.
ކަރަންގެ މި ވާހަކަތަކަށް ރައްދު ދެމުން ކެޓްރީނާ ބުނީ "ޗިކްނީ ޗަމޭލީ" އަކީ އޭނާ ވަރަށް ގަޔާވި އަދި ޝޫޓިންގައި ވެސް ވަރަށް ފޯރި ނެގި ލަވައެއް ކަމަށެވެ.
"އެ ލަވަ ކުޅެވުނީތީ އަހަރެން ދެރައެއް ވެސް ނުވޭ. އެއީ ޔަގީނުން ވެސް ނެށުމުގެ ހުނަރު އިތުރަށް ދައްކައިލަން އަހަންނަށް ލިބުނު ފުރުސަތެއް،" އޭނާ ބުންޏެވެ.
ކެޓްރީނާ ބުނީ މެޑޯނާ އާއި ބިޔޯންސޭ ފަދަ މަޝްހޫރު ލަވަކިޔުންތެރިންނަކީ ވެސް ކޮންސަޓްތަކުގައި އެތަކެއް މިލިއަން ފޭނުންގެ ކުރިމަތީގައި ސްވިމިން ސޫޓް ކަހަލަ ކޮސްޓިއުމްތައް ލައިގެން ޕަފޯމް ކުރާ މީހުން ކަމަށެވެ. އެކަމަކު އެއީ އެ މީހުން ކުޅޭކުޅޭ އެއްޗަކަށް ވާން ޖެހޭ ސަބަބެއް ނޫން ކަމަށް ބުންޏެވެ.
"އެހެންވެ އަހަންނަކަށް ވެސް އިހުސާސެއް ނުކުރެވޭ އައިޓަމް ލަވައެއް ކުޅުމަކީ އަންހެނަކާ މެދު ދެކޭ ގޮތް ބަދަލު ވާން ޖެހޭ ކަމެއް ކަމަކަށް،" ކެޓްރީނާ ބުންޏެވެ. "އެކަމަކު އަހަންނަކީ ހަމަ އައިޓަމް ލަވައެއް ކުޅެލުމުގެ ބޭނުމުގައި އެކަން ކުރާނެ މީހެއް ނޫން. ހުންނާނެ އެކަހަލަ ކިތަންމަ ލަވައެއް ދޫކޮށްލާފައި ވެސް."