19 ޑިސެމްބަރ 2018 - 07:33

މިދިޔަ އަހަރު ރިލީޒްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބަޔާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ އެބަ ދެކެވެ އެވެ. މި ފިލްމުގެ މަސައްކަތް ނުފެށިގެން އުޅެނީ ފިލްމުގެ ލީޑް އެކްޓަރު އިރުފާން ހާން ބައްޔަކަށް އިންޑިއާ އިން ބޭރުގައި ފަރުވާ ހޯދާތީ އެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި "ހިންދީ މީޑިއަމް 2" ގެ މަސައްކަތަށް އިރުފާން މި މަހުގެ ތެރޭގައި އިންޑިއާ އަށް އެނބުރި ދާނެ އެވެ. އެކަމަކު އެކަން ދޮގުކޮށް، އިރުފާން ބުނީ ކައިރި މުސްތަގުބަލެއްގައި ވެސް އިންޑިއާ އަށް ދާން ޕްލޭންކޮށްފައި ނެތް ކަމަށެވެ.
ހަމަމިއާ އެކު ދެން އަޑުތައް ފެތުރިގެން ދިޔައީ ފިލްމުގައި އިރުފާންގެ ދަރިފުޅުގެ ރޯލް ކުޅެން ސާރާ އަލީ ހާނަށް ހުށަހެޅި ވާހަކަ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޭނާ "ހިންދީ މީޑިއަމް 2" އާ ބެހޭ ގޮތުން ތުން ފިއްތައިގެން ހުއްޓަސް ފިލްމާ ބެހޭ ގޮތުން މިހާރު ވަނީ އަނެއްކާ ވެސް އާ ވާހަކައެއް ދެކެވެން ފަށައިފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ޖޯޑު ކަމަށްވާ ޝާހްރުކް ހާނާއި ކާޖޮލް އަށް ވަނީ ފިލްމުގެ މުހިއްމު ރޯލްތައް ހުށަހަޅައިފަ އެވެ.
"ދިލްވާލޭ ދުންހަނިޔާ ލޭޖާއޭގޭ" އާއި "ކޔޗް ކުޗް ހޯތާ ހޭ" އަދި "ބާޒީގަރު" ފަދަ ކާމިޔާބު އެތައް ފިލްމެއް އެކީގައި ކުޅެފައިވާ ޝާހްރުކާއި ކާޖޮލް އެންމެ ފަހުން އެކީގައި ކުޅުނީ 2015 ގެ "ދިލްވާލޭ" އެވެ. މި ޖޯޑު ޔަގީނުން ވެސް ސްކްރީނުން އަދިވެސް ދެކިލަން ބޭނުންވާ ފޭނުން ގިނަ އެވެ. އެހެންވެ "ހިންދީ މީޑިއަމް 2" އަށް ކާޖޮލް އާއި ޝާހްރުކް ސޮއިކުރި ކަމަށް ބުނާ ވާހަކަ ތެދަކަށް ވާނެ ކަމަށް ފޭނުން ޔަގީނުން ވެސް އުމްމީދު ކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިރުފާން ވެސް ހިމެނޭ ގޮތަށް "ހިންދީ މީޑިއަމް 2" ޑައިރެކްޓް ކުރާނީ "ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ފަދަ ފިލްމުތައް ގެނެސް ދިން ހޯމީ އަދަޖާނިއާ އެވެ.
އިރުފާނާއި ޕާކިސްތާނުގެ ބަތަލާ ސަބާ ގަމަރު ލީޑް ރޯލް ކުޅުނު ފިލްމުގެ ފުރަތަމަ ބައި ލިޔެ، ޑައިރެކްޓް ކުރީ ސަކެޓް ޗައުދަރީ އެވެ. އަންހެން ދަރިއަކު ސްކޫލަކަށް ވައްދަން ދެމަފިރިއަކު ކުރާ މަސައްކަތް ދައްކުވައިދޭ "ހިންދީ މީޑިއަމް" އަކީ އެންމެ 23 ކްރޯޑް ރުޕީސްގެ ބަޖެޓެކުން ހެދި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 340.06 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" އަންނަ ހުކުރު ދުވަހު ސިނަމާތަކަށް އަންނަ އިރު، އޭނާ މިހާރު އަންނަނީ އެސްޓްރޮނޯޓެއްގެ ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ސާރާ ޖަހާ ސެ އައްޗާ" ގެ ޝޫޓިން ފަށަން ވެސް ތައްޔާރުވަމުންނެވެ.
ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ އޮކްޓޯބަރު މަހު ރިލީޒް ކުރި "ހެލިކޮޕްޓާ އީލާ" އެވެ.