18 ޑިސެމްބަރ 2018 - 08:45

މިޝިގަން (ޑިސެމްބަރު 18) - އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު މިޝިގަންގެ ޑިމޮކްރެޓިކް މުސްލިމް މެންބަރު ރާޝިދާ ތަލީބް މަގާމުގެ ހުވާ އަންނަ މަހު ކުރައްވާ ރަސްމިއްޔާތުގައި ލާނީ ފަލަސްތީނުގެ ސަގާފީ ހެދުމެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ސަގާފީ ހެދުމެއް ކަމަށް ތަލީބް ވިދާޅުވާ ހެދުން އޭނާ ވަނީ އިންސްޓަގްރާމްގައި އާއްމުކުރައްވައިފަ އެވެ. އެއީ އަރަބި އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ އަންހެނުން ލާ އުޅޭ ފައިގެ ކުޑަހުޅާ ހަމައަށް ދިގުކޮށް ހުންނަ އަދި ކުރެހުން ބައެއް ވެސް އަޅާފައި ހުންނަ، ދޫ ހެދުމެކެވެ.
މިއީ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ އަންހެން މެންބަރަކު އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެން މެންބަރެއް ކަމަށްވާ އިލްހާން އުމަރު ވެސް މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިޑްޓާމް އިންތިޚާބުގައި ވަނީ ކޮންގްރެސް އަށް އިންތިޚާބުވެފަ އެވެ.
ރާޝިދާ ތަލީބް ގޮނޑި ކާމިޔާބު ކުރި އިރު އެ ދާއިރާ އަށް ވާދަވެރި އެހެން ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެ އެވެ. އެހެންވެ ޑިމޮކްރެޓިކް ޕްރައިމަރީ އޮގަސްޓް މަހު ކާމިޔާބު ކުރެއްވި އިރު އޭނާ އަށް ގޮނޑި ވަނީ ޔަގީންވެފަ އެވެ
ތަލީބް، 42، ނިސްބަތް ވަނީ ފަލަސްތީނުުގެ އާއިލާއަކަށް ނަމަވެސް އޭނާ އުފަންވެފައި ވަނީ ޑިޓްރޮއިޓްގަ އެވެ. ތަލީބުގެ މަންމައަކީ ހުޅަނގު އައްސޭރީގެ ރާމުﷲ އަށް ނިސްބަތްވާ މީހެކެވެ. ބައްޕަ އަކީ އިރުމަތީ ގުދުސްގެ މީހެކެވެ. ތަލީބް ވަނީ 2008 ވަނަ އަހަރު މިޝިގަންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ހޯއްދަވައި އެ މަގާމު ފުރި ފުރަތަމަ މުސްލިމް އަންހެނާގެ ޝަރަފް ހޯއްދަވައިފަ އެވެ.
ގާނޫނީ ރޮނގުން ޑިގްރީ ހާސިލް ކުރައްވާފައިވާ ތަލީބް ވަނީ އެޓާނީއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ތަލީބް ވަނީ އޮގަސްޓް 2016 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޓްރޮއިޓްގައި ދެއްވި ތަގްރީރަކަށް ހުރަސް އަޅުއްވައިފަ އެވެ. އޭނާ ވަނީ އެ މީހުންގެ ދަރިންނަށް "މިއަށް ވުރެ ރަނގަޅު ގޮތެއް ބޭނުންވާ ކަމަށާއި" ގާނޫނު އަސާސީގައި އޮތް އެއްޗެއް ޓްރަމްޕް ވިދާޅުވުމަށް ހަރުއަޑުން ގޮވާލައްވައިފަ އެވެ. އޭގެ ފަހުން ސެކިއުރިޓީ ގާޑުން ވަނީ ތަލީބް ހޯލުން ނެރެފަ އެވެ.