26 މެއި 2016 - 16:59

ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް ދިރާގުން ކުރާ މަސައްކަތުގެ ތެރެއިން، ދިރާގު 4ޖީ އެލްޓީއީގެ ހިދުމަތް އިތުރު ތިން ރަށަކަށް ތައާރަފު ކޮށްފި އެވެ.
ދިރާގުން އަންނަނީ އާބާދީ ބޮޑު ރަށްރަށަށް މި ހިދުމަތް ތައާރަފް ކުރަމުންނެވެ. އެގޮތުން 4ޖީގެ ހިދުމަތް އަލަށް ތައާރަފް ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ޅ. ހިންނަވަރާއި ނ. ވެލިދޫ އަދި ރ. ދުވާފަރެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި އެންމެ އާބާދީ ބޮޑު ރަށްތަކާއި އެންމެ ގިނަ ސްމާޓް ފޯން ގެންގުޅޭ ރަށްތައް ބަލައި، އެ ރަށްތަކަށް 4ޖީގެ ހިދުމަތް ތައާރަފް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަހަރު ތެރޭގައި އަދި އިތުރު ރަށްތަކަށް ވެސް 4ޖީގެ ހިދުމަތް ތައާރަފް ކުރާނަން. މި ހިދުމަތުގެ ސަބަބުން ރަށުގެ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ" އިމްޖާދު ވިދާޅުވި އެވެ.
ދިރާގުން ވަނީ މާލެއާއި މާލެ އަތޮޅު ފިޔަވައި އައްޑު އާއި ފުވައްމުލަކާއި ގއ. ވިލިނގިއްޔާއި ގދ، ތިނަދޫ އާއި ޅ. ނައިފަރާއި ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށްޓަށް ވެސް 4ޖީގެ ހިދުމަތް ތައާރަފް ކޮށްފަ އެވެ.