އެމެރިކާގައި ގަތަރުން 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
އެމެރިކާގައި ގަތަރުން 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ދޯހާ (ޑިސެމްބަރު 17) - ގަލްފުގެ ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި އޮތް ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ އެމެރިކާގައި ހަކަތައާ ގުޅޭ ދާއިރާގައި 20 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ގަތަރުން ބުނެފި އެވެ.

ދޯހާގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ގަތަރުގެ އެނާޖީ މިނިސްޓަރު އަދި ގަތަރު ޕެޓްރޯލިއަމްގެ ސީއީއޯ ސާދު އަލް ކާބީ ވިދާޅުވީ ހަކައިގެ ގޮތުން މުއްސަނދި ގަތަރުން ބޭނުން ވަނީ އެމެރިކާގައި ތެލާއި ގޭހަށް އިންވެސްޓް ކުރަން ކަމަށެވެ.

"ތަފާތު ޕްރޮޖެކްޓްތަކުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ އެމެރިކާގައި 20 ބިލިއަން ޑޮލަރު ގަތަރުން އިންވެސްޓް ކުރާނެ،" ދޯހާ ފޯރަމްގައި ކާބީ ވިދާޅުވި އެވެ.

ގަތަރުގެ މައިގަނޑު ބޭނުމަކީ ޓެކްސަސްގެ މަލްޓި-ބިލިއަން ޑޮލަރުގެ ގޯލްޑަން ޕާސް އެލްއެންޖީ (ލިކުއިފައިޑް ނޭޗަރަލް ގޭސް) ޓާމިނަލް އަލުން ރިވައިވް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްރޮޖްކްޓުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ގަތަރު ޕެޓްރޯލިއަމް އެވެ. އަނެއް 30 ޕަސެންޓުގެ ހިއްސާދާރުންނަކީ އެކްޒޮންމޯބިލް އާއި ކޮނޮކޯފިލިޕްސް އެވެ.

ކާބީ ވިދާޅުވީ ގަތަރުގެ އެލްއެންޖީ އުފެއްދުން އަހަރު 16 މިލިއަން ޓަނަށް މައްޗަށް ޖައްސާނެ ކަމަށާއި ބޭނުމަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ 110 މިލިއަން ޓަނަށް އިތުރު ކުރުން ކަމަށެވެ.

ގަތަރުން މި މަހު ކުރީކޮޅު ވަނީ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކުން ވަކިވާނެކަން އިއުލާންކޮށްފަ އެވެ.