18 ޑިސެމްބަރ 2018 - 11:13

މިހާރު ޑްރާފްޓް ކޮށްފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް ވީ އެންމެ އަވަހަކަށް މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފި އެވެ.
މަސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު މެންބަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، އާދިއްތަ ދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އެފަދަ އިތުރު ކަމެއް ދިމާވިޔަ ނުދިނުމަށް ޓަކައި ވީ އެންމެ އަވަހަކަށް ހެލްތު އެންޑް ސޭފްޓީ އެކްޓް ނުވަތަ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް މަޖިލީހުން ފާސްކޮށް އެއަށް އެންމެ ފުރިހަމައަށް އަމަލުކުރެވޭނެ މަގު ފަހި ވާން ޖެހޭ ކަމަށެވެ.
އެ ބިލްގައި މަސައްކަތުގެ މާހައުލުގައި އަމަލުކުރާނެ ވަރަށް ފުރިހަމަ އުސޫލްތައް ހިމެނޭނެ ކަމަށާއި އެ ބިލަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ދާއިރާގައި އަމަލު ކުރާ އުސޫލުތަކަށް ބަލައިގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. ހެލްތު މިނިސްޓްރީން އެކުލަވާލި މި ބިލް ފަރުމާކުރުމުގައި މަސީން ވަނީ ބައިވެރިވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި މި ބިލް މަޖިލީހަށް ހުށަހެޅުމަށް ހިމަނާފައިވެ އެވެ. އޭރު ބަންޑާރަ ނައިބު އޮފީހުން ބުނެފައިވާ ގޮތުގައި މަސައްކަތްކުރާ ތަންތާންގެ މާހައުލަކީ އެ ތަންތާންގައި މަސައްކަތް ކުރާ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި އަދި ސަލާމަތްތެރި ތަންތަން ކަމުގައި ހެދުމައްޓަކައި ކަމާ ގުޅޭ އުސޫލުތައް ކަނޑައަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ބިލް މަޖިލީހަށް ފޮނުވުމަށް ކަނޑައަޅާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިލް އޮތީ އޭޖީ އޮފީހުގަ އެވެ.
އިމާރާތަކުން އާދިއްތަ ދުވަހު ހެނދުނު ސިމެންތި ގޯންޏެއް ވެއްޓި ޒަހަމްވި އުމުރުން އަށް އަހަރުގެ ރަވްޝަން ޖިއާން ވަނީ އިއްޔެ މަރުވެފަ އެވެ. މި ހާދިސާއާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ވަނީ މާލޭގައި ހުރި ކޮންސްޓްރަކްޝަން ހުރިހާ ސައިޓްތަކެއް ރިވިއު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.