ކޮންސްޓްރަކްޝަން ސައިޓުތައް ހުއްޓުވުމަކީ ހައްލެއް ނޫން: މަސީ
ކޮންސްޓްރަކްޝަން ސައިޓުތައް ހުއްޓުވުމަކީ ހައްލެއް ނޫން: މަސީ

އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވާލުމަކީ ހައްލެއް ނޫން ކަމަށާއި އެހެން ނަމަވެސް މަސައްކަތްތައް ރިވިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

މަސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު މެންބަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، އަމިއްލަ ޖަމާއަތެއްގެ ހައިސިއްޔަތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތައް ހޭލުންތެރި ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މިއަހަރު އެކަނި ވެސް އިމާރާތްކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުން ކުރުމާ ގުޅޭ ގޮތުން 12 ހަރަކާތެއް މަސީން އިސްނަގައިގެން ބޭއްވި ކަމަށެވެ. ޖަނާހު ވިދާޅުވީ މިއީ އެއްވެސް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށާއި މިކަން ހައްލު ކުރަން އެއްކޮށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރު ހިތާމަވެރި ހާދިސާތައް ދިމާ ނުވާނެ ގޮތަކަށް އަމަލު ކުރުމުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން އެކަނި މަސައްކަތް ކޮށްގެން ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުން ހޭލުންތެރިވާންޖެހޭ. ހުރިހާ އިދާރާތައް ހޭލުންތެރިވާންޖެހޭ. ސަރުކާރުގެ އިދާރާތަކުން ވަރަށް ބޮޑު ޒިންމާއެއް ނަގަންޖެހޭ. ސަރުކާރުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭންޖެހޭ،" ޖަހާނު ވިދާޅުވި އެވެ.

ޖަނާހު ވިދާޅުވީ، އިމާރާތްތައް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ކުރު މުސްތަގުބަލުގައި ހައްލު ކުރަންޖެހޭ ކަންކަމާއި ދިގު މުއްދަތެއްގައި ހައްލު ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން ހައްލު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުންފުނިތައް ވެސް އެބަ ތިބި ކަމަށާއި އެންމެ ކޮންޓްރެކްޓަރެއްގެ މައްސަލަޔަކުން އެންމެން ކުއްވެރިވާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، މަގު ބަންދުކޮށްފައި ސައިޓްތަކުގައި މަސައްކަތް ކުރަމުންދާއިރު އެއްވެސް ބެލުމެއް ނެތި ސައިކަލްތަކުން އެތަންތަން ފަޅާލާފައި ދާތަން ވެސް ފެންނަ ކަމަށެވެ.

"އެއީ ކިހާވަރެއްގެ ޑޭންޖާއެއްކަން އިހުސާސް ކުރަންޖެހޭ. އިންޑިވިޖުއަލް ރެސްޕޮންސިބިލިޓީއެއް ވެސް އޮންނަންޖެހޭ މިފަދަ ކަންކަން ރަނގަޅު ކުރުމުގައި. މިފަދަ ބޯޑުތަކާ އެއްޗެހި މިހުންނަނީ ކޮންމެވެސް ބޭނުމެއްގައިކަން އެބަ ވިސްނަންޖެހޭ. ބޯޑު ބެހެއްޓުމާ އެކު އެހިސާބުން ސީރިއަސް އެވީ. ސައިނޭޖުތައް ފޮލޯ ކުރަންޖެހޭ،" ޖަނާހު ވިދާޅުވި އެވެ.

މަސީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އަށް އަހަރުގެ ރަވްޝަން ޖިއާން ނިޔާވި ހާދިސާ ހިނގާދިޔަ އިމާރާތުގައި ސަލާމަތީ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަން ފާހަގަކުރެވޭ ކަމަށެވެ.

"އެހެން ނޫންނަމަ ތިމެންތި ބަސްތާއެއް ފަޅައިގެން ގޮސް މަގުމަތިންދާ މީހުންގެ ބޮލަށް އެޅިގެން ނުވާނެ. އެހެންވީމަ ސޭފްޓީ ނެޓު ޖެހުން ވެސް ހުރީ ރަނގަޅަކަށް ނޫން. ވާޖަހައިގެން އެފަދަ ގޮތަކަށް މަސައްކަތް ކޮށްފަ ހުރީ. އެވެސް ރަނގަޅު ގޮތެއް ނޫން. އެކަން އޮތީ ގޯހުން ގޯހަށް ހިނގާފައި،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަންވާނީ ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ވެސް ނަގައިގެން ކަމަށެވެ. އަދި މިކަންކަން ކަމާ ގުޅޭ އިދާރާތަކުން ވެސް ފުރިހަމައަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.