17 ޑިސެމްބަރ 2018 - 19:59

ރައްޔިތުންނަށް މަގުމަތީގައި ހަމަޖެހިލައިގެން ހިނގާ އުޅޭވޭނެ ކަމުގެ ޔަގީންކަން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މާލެ ހިމެނޭ ސަރަހައްދުތަކުގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންތައްތައް ބެލުމަށް ހާއްސަ މަސައްކަތެއް ފެށުމަށް ބޭއްވި ބައްދަލުވުމެއްގައި ނައިބު ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުން ރައްކާތެރިވެ ތިބުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ހަތް އަހަރުގެ ރަވްޝަން ޖިއާން، އިއްޔެ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ވަނީ މަރުވެފަ އެވެ.
މިކަމާ ބެހޭގޮތުން ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ސަރުކާރުން ދަނީ މިފަދަ އެކްސިޑެންޓްތައް ތަކުރާރު ވިޔަނުދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.
އިއްޔެ ދިމާވި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ އެ އާއިލާ އަށް ސަރުކާރުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އަޅާލުމެއް ލިބުނު ކަމަށެވެ. ނަމަވެސް ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ފައިސަލް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް އަޅުގަނޑުމެންގެ މީހެއް ކަމަށް ބަލަން ޖެހޭ. ރާއްޖެއިން ބޭރު މީހެއް ވިޔަސް ދިވެހި ރައްޔިތެއް ކަމުގައި ވިޔަސް. އިއްޔެ ސަރުކާރުންނާއި ދިވެހި ރައްޔިތުން އެ ދިން އަޅާލުން އަބަދުވެސް އެގޮތަށް އޮންނަ ޖެހޭނެ. އެވަރަށް އަޅާލުން ލިބިގެން ދިޔައިތީ ވަރަށް އުފާ ކުރަން." ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ގިނަ ބައެއްގެ ކަންބޮޑުވުން އަޑު އަހައި، ބައެއް ފަރާތްތަކުން ދަރިން ގޮވައިގެން މަގުމައްޗަށް ނިކުތުމަށް ޖެހިލުންވާ ކަމުގެ ޝަކުވާ ލިބުނު ކަމަށެވެ. އެހެން ރައްޔިތުންނަށް ހަމަޖެހިލައިގެން މަގުމަތިން ހިނގާލެވޭ ޔަގީންކަން ދޭން ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.