17 ޑިސެމްބަރ 2018 - 19:30

މާލެ، ހުޅުމާލެ އަދި ވިލިގިނލި ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލް، ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އިންޖިނިއާސް އެސޯސިއޭޝަން، އާކިޓެކްޓް އެސޯސިއޭޝަން، މަސީ، އެޗްޑީސީ އަދި ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ބައިވެރިވި މިއަދު ބޭއްވި ބައްދަލުވުމެއްގައި މާލޭ ސީޓީ މޭޔާ، ޝީފާ މުހައްމަދު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި 473 ސައިޓެއްގައި އެކި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހުރިހާ ސައިޓްތަކަށް ޒިޔާރަތްކޮށް، މަސައްކަތް ކުރަމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
މި ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާފަންނުގައި 62 ސައިޓް، މައްޗަންގޯޅީގައި 37 ސައިޓް، ހެންވޭރުގައި 47 ސައިޓް އަދި ގަލޮޅުގައި 36 ސައިޓުގައި ކުރިޔަށް ދާކަން ޝިފާ ފާހަގަ ކުރެއްވި އެވެ. ހަމަ އެގޮތުން ވިލިމާލޭގައި 18 ސައިޓާއި ހުޅުމާލޭގައި މި ވަގުތު 275 ސައިޓުގައި މަސައްކަތް ކުރިޔަށް ދާކަމަށް ޝިފާ ވިދާޅުވި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ ހަފްތާއެއްގެ ތެރޭ މާލޭގެ ހުރިހާ ސައިޓެއް ބަލާ ނިންމުން ކަމަށެވެ.
އިއްޔެ ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައި ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ރަވްޝަން ޖިއާން، 7، ސީރިއަސް ހާލުގައި އޮއްވާ މިއަދު ވަނީ މަރުވެފަ އެވެ. މި އެކްސިޑެންޓްގައި ރައްކާތެރިކަމަށް ނުބަލާ މަސައްކަތް ކުރުމުން ގިނަ ބައެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އެ މައްސަލައާއި ގުޅިގެން ރޭ ސިޓީ ކައުންސިލުން ވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތްތަކެއް ހުއްޓުވާފަ އެވެ.
ޝިފާ ވިދާޅުވީ ސައިޓްތައް އިންސްޕެކްޓް ކުރުމުގައި މަސައްކަތް ފެށި ނަމަވެސް ކޮސްޓްރަކްޝަން ދާއިރާގެ ހުރިހާ މީހުން އެ މީހުންގެ ސައިޓްތަކުގެ ގަވައިދުތަކާއި ރައްކާތެރިކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި މި އިންސްޕެކްޓް ކުރުމުގައި ފުލުހުންނާއި ސިފައިންގެ އެހީ ހޯދާނެ ކަމަށް ޝިފާ ފާހަގަ ކުރެއްވި އެވެ.