17 ޑިސެމްބަރ 2018 - 19:20

ދޯހާ (ޑިސެމްބަރު 17) - އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ އިތުބާރު ހުރި ތަހްގީގެއް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.

"ނޫސްވެރިޔާގެ މަރުގެ އިތުބާރު ހުރި ތަހްގީގެއް ކުރުން ވަރަށް މުހިންމު. އަދި އެކަމުގައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ،" ގަތަރުގައި ބޭއްވި ދޯހާ ފޯރަމްގައި ގުޓަރޭޒް ވިދާޅުވި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މީޑިއާތަކުން ލިބުނު މައުލޫމާތު ފިޔަވައި، ނޫސްވެރިޔާގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އަނެއްކޮޅުން ދޯހާ ފޯރަމްގައި ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ ވިދާޅުވީ ނޫސްވެރިޔާގެ މަރު ޔޫރަޕުގެ ގިނަ ގައުމުތަކުން ހަނދާން ނައްތާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުންނެވީ ޚާޝުގްޖީގެ މަރުގެ ތަހުގީގު ހިންގައި އެކަމުގައި ބައިވެރިވި މީހުން ހޯދަން ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ އަށް ޔޫރަޕުގެ ވެރިން "ލޯމަރާލައިގެން" ތިބުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ގިނާ ހަސްޕެލް ވެސް ތުރުކީ އަށް ވަޑައިގެން ތަހުގީގުގެ ބޮޑު ބަޔަކާ ގުޅޭ މައުލޫމާތު ހޯއްދަވާފައިވާ ކަމަށާއި އެހެންވެ އިތުރު ފިޔަވަޅު އެޅުމުގެ ބާރު މިހާރު އޮތީ އެމެރިކާ އާއި ޔޫރަޕުގެ އަތް މަތީގައި ކަމަށެވެ.