17 ޑިސެމްބަރ 2018 - 18:48

މާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ އިންޖިނޭރް އިބްރާހީމް ރައޫފް "މިހާރު" އަށް ވިދާޅުވީ މިރޭ މާލޭގެ ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 15 ވަރަކަށް މިނެޓް ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދޭން ފެށޭނެ ކަމަށެވެ.
ރައޫފް ވިދާޅުވީ މިރޭ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހުރިހާ ސަރަަހައްދަކަށް ކަރަންޓް ދީ ނިންމައިލުމަށް ގާތްގަނޑަކަށް 45 މިނެޓް ހޭދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިރުވައި މޫސުމުގައި ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަ މާލޭގައި ކުރިން ވެސް ދިމާވެ އެވެ. އެކަން ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ސްޓެލްކޯއިން އާ ޖަނަރޭޓަރެއް ގެނެސް ކެޕޭސިޓީ އިތުރު ވެސް ކުރި އެވެ.