ނިއުގެ ކޯޗުކަމުން ސްޓޮއިކޯފް ވަކިކޮށްފި
ނިއުގެ ކޯޗުކަމުން ސްޓޮއިކޯފް ވަކިކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ ޕްރެޝަރަށް ގޮސްފައިވާ ނިއު ރޭޑިއަންޓުން އެ ޓީމުގެ ކޯޗުކަމުން ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ވަކިކޮށްފި އެވެ.

ނިއުގެ ވައިސް ޗެއާމަން އިސްމާއިލް ޒިޔާމް ވިދާޅުވީ، ނަތީޖާ ދަށްވުމާއި އެނޫން ވެސް ތަފާތު ސަބަބުތަކާ ގުޅިގެން، މަގާމުން އިސްތިއުފާ ދޭން ސްޓޮއިކޯފަށް ރޭ އަންގާފައިވާ ކަމަށާއި އޭނާ މިއަދުގެ ވަގުތެއްގައި ކްލަބުން ވަކިވެފައިވާ ކަމަށެވެ.

"ބޭނުންވާ ނަތީޖާ ނުނެރެވޭ. ކުޅުންތެރިންގެ ފަރާތުން ވެސް ޝަކުވާތައް ލިބިފައިވަނީ ކޯޗާ ބެހޭގޮތުން. މީގެ އިތުރުން އޭނާގެ ފަރާތުން ޓީމަށް ފުރިހަމަ ސަމާލުކަން ވެސް ނުލިބޭ. ޕްރެކްޓިހަށް ވެސް އެހާ ބޮޑަށް ތައްޔާރެއް ނުވޭ،" ޒިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި އާ ކޯޗެއް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ބަލަމުން އަންނަނީ ބިދޭސީ ކޯޗަކަށް ކަމަށެވެ.

ސްޓޮއިކޯފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިއު އަށް އަދި ދެ ފަހަރެއްގެ މަތިން ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ 1999 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވާށެވެ. އޭޝިއަން ކަޕް ކޮލިފައިން އާއި ގޯލްޑަން ޖުބިލީ މުބާރާތަށް ފަހު ގައުމީ ޓީމުން ވަކިވިއިރު ދެ ވަނަ ފަހަރަށް ރާއްޖެ އައީ 2004 ވަނަ އަހަރު ނިއު އިން އޮފާ ލިބުމުންނެވެ. ނިއުއާ ހަވާލުވެ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ އެ ޓީމަށް ހޯދައިދިނެވެ.

އޭނާ ދެ ވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވީ އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވެ އަދި ޖެހިގެން އައި ސައުތު އޭޝިއަން ގޭމްސް އަދި އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުން ސްޓޮއިކޯފް ވަނީ 2006 ވަނަ އަހަރުގެ މެދުތެރޭގައި މަގާމުން ވަކިކޮށްފަ އެވެ.

އޭނާ ދެ ވަނަ ފަހަރަށް ނިއުއާ ހަވާލުވީ 2009 ވަނަ އަހަރެވެ. އެކަމަކު ބަޖެޓު ތަންނުދޭ ކަމަށް ބުނެ ސީޒަނުގެ ވަކި ހިސާބަކުން ވަނީ މަގާމުންކޮށްފަ އެވެ. އޭގެ ފަހުން ރާއްޖެ އައީ މިދިޔަ އަހަރު މަހިބަދޫގެ ކޯޗުގެ މަގާމް އަދާކުރާށެވެ. ނަތީޖާ ދަށްވުމުން ސީޒަން ނުނިމެނީސް މަހިބަދޫ އިން ސްޓޮއިކޯފް ފޮނުވާލި އެވެ.

ފާއިތުވި އަހަރުތަކުގައި ނިއު ވަރުގަދަ ސްކޮޑަކާ އެކު ނިއުއިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ޓީމަކީ ފާއިތުވި ހަތަރު އަހަރުގެ ލީގު ޗެމްޕިއަނުންނެވެ. ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން، ނިއު އަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބް ދޫކޮށް ދިއުމުން އެ ޓީމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވިއިރު، ނިއު މި ވަގުތު އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެ ޓީމަށް މި ފަހަރު ލީގުގައި މޮޅުވެވުނީ ހަތަރު މެޗުންނެވެ.