18 އޯގަސްޓް 2016 - 16:32

އަންކާރާ (އޮގަސްޓް 18) - ތުރުކީގެ ދެ ސިޓީއެއްގެ ޕޮލިސް ސްޓޭޝަންތަކަށް މިއަދު ދިން ކާރު ބޮމުގެ ހަމަލާތަކެއްގައި ހަ މީހުން މަރުވެ 219 މީހުން ޒަޚަމްވެއްޖެ އެވެ.
ފުރަތަމަ ހަމަލާ ދީފައި ވަނީ އިރުމަތީގެ ވާން ސިޓީ އަށެވެ. އެ ހަމަލާގައި ވަނީ ފުލުސް އޮފިސަރަކާއި އާއްމުންގެ ދެ މީހުން މަރުވެ 73 މީހުން ޒަޚަމްވެފަ އެވެ. ދެ ވަނަ ހަމަލާ ދީފައި ވަނީ އެލަޒިކުގެ ޕޮލިސް ސްޓޭޝަނަކަށެވެ. މި ހަމަލާގައި ވަނީ ފުލުހުންގެ ތިން އޮފިސަރުން މަރުވެ 146 މީހުން ޒަޚަމްވެފަ އެވެ.
އެލަޒިކަށް ދިން ބޮމުގެ ހަމަލާގައި އިމާރާތުން ދުން އަރާ މަންޒަރު ޓީވީތަކުން ދައްކާފައިވެ އެވެ. މި ސްޓޭޝަން ކައިރީގައި ގޮއްވާލި ބޮމުގެ ބާރުގަދަ ވުމުގެ ސަބަބުން ކައިރީގައިވާ ކާރުތައް ގޮވާ އަދި ގަސްތައް ވަނީ ވެއްޓިފަ އެވެ. ބޮން ގޮއްވާލި ތަނުގައި ވަނީ ބޮޑު ވަޅުގަނޑެއް ވެސް ހެދިފަ އެވެ.
ބޮމުގެ ހަމަލާ ދިން ކަމަށް ތުރުކީގެ އޮފިޝަލުން ތުހަމަތު ކުރަނީ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭ އަށެވެ. ތުރުކީ ފުލުހުންނާ ދެކޮޅަށް ޕީކޭކޭ އިން މީގެ ކުރިން ވެސް ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ.
ތުރުކީގައި މި ހަމަލާދީފައި ވަނީ މިދިޔަ މަހު އެ ގައުމަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ގައުމުގައި ވަރަށް ބޮޑު އެއްބައިވަންތަކަމެއް އުފެދިފައި ވަނިކޮށެވެ. އަދި ސިޔާސީ އެކި ފަރާތްތައް އެއްގަލަކަށް އެރުވުމަށް މަޝްވަރާތައް ކުރިއަށް ގެންދަން އުޅޭ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފަ އެވެ.