ސައިޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ: މަސީ
ސައިޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ: މަސީ

ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ އިރު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅައިގެން މަސައްކަތްތައް ކުރަމުން ގެންދިޔުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

އެ އެސޯސިއޭޝަން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ ކައިރިން ޕޭވްމަންޓުން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއަކީ ވަރަށް ކަންބޮޑުވާ ހާދިސާއެއް ކަމަށެވެ. މި ހާދިސާގައި ޒަހަމްވި ހަތް އަހަރުގެ ބިދޭސީ އަންހެން ކުއްޖާ ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފަ އެވެ. އަދި މި ހާދިސާ ހިނގުމާ އެކު، އާންމުން ވަނީ ކޮންސްޓްރަކްޝަން ކުންފުނިތަކާ ދެކޮޅަށް ވާހަކަ ދައްކަން ފަށައިފަ އެވެ.

އިމާރާތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މަސައްކަތް ކުރާ މީހުންނާއި އަވައްޓެރިންނަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން މަސައްކަތް ކުރަމުން ގެންދިޔުމަށް ހަނދާންކޮށްދޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އެ ސޯސިއޭޝަނުން ބުނީ ފަހަކަށް އައިސް މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަން ރެކޯޑްކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާ ސައިޓްތަކުގައި އެންމެ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުހުންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މަސީން ނެރެފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް މަސީގެ މެންބަރުންނަށް ތަކުރާރުކޮށް ހަނދާން ކޮށްދެމުންދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މަސީން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ގިނަ ބަޔަކު ދަނީ މަސީން އިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވައިދާ ހިލާފަށް އަމަލުކުރަމުންދާއިރު ވެސް އެކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މި ހާދިސާއާ ގުޅިގެން، އިމާރާތުގެ މަސައްކަތް ކުރި ޑަބްލިއު ކޮންސްޓްރަކްޝަނުގެ ހުއްދަތައް ވަނީ ހިފަހައްޓައިފަ އެވެ. އަދި އެހެން ކުންފުނިތަކަށް މާލޭ ސިޓީ ކައުންސިލުން ދޭ ހުއްދަތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.